Last Updated: November 27, 16:45
Wednesday, November 27, 2024
ޚަބަރު

މަޝްރޫއުތަކާ ގުޅޭ ގޮތުން "ޕޮޒިޓިވް" ޖަވާބުތަކެއް

އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު / ފޮޓޯ: އައްޑޫސިޓީ ކައުންސިލް

އައްޑޫ ޑިވެލޮޕްމެންޓް ޕްލޭންގެ ދަށުން ކުރިއަށްދާ މަގު ހެދުމާއި، ބިން ހިއްކުމުގެ މަޝްރޫޢުއާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗަރ އާއި އެކު އައްޑޫސިޓީ ކައުންސިލުން މަޝްވަރާކޮށްފައެވެ.

އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ އިސްވެރިންގެ ޓީމެއް އީއްޔެ ވަނީ އައްޑޫސިޓީ ކައުންސިލާއި ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި އައްޑޫސިޓީ މޭޔަރ އަލީ ނިޒާރާއި ކައުންސިލް މެންބަރުން ބައިވެރިވަޑައިގެންނެވިއިރު، މިނިސްޓްރީގެ ފަރާތުން އިސްކޮށް ސްޓޭޓް މިނިސްޓަރ އިބްރާހިމް ނާޒިމް އަދި ޑެޕިއުޓީ މިނިސްޓަރ އަލީ ސަލީމްގެ އިތުރުން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި އައްޑޫސިޓީގެ މަގު ހެދުމާއި މަގުހެދުމުގެ ޕްރޮޖެކްޓްގައި ދިމާވާ ދަތިތަކާއި ހުރި އުނދަގޫތަކާއި، އައްޑޫސިޓީގެ ބިން ހިއްކުމާއި ގުޅޭގޮތުންނާއި މިނިސްޓްރީއިން އައްޑޫސިޓީގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައިވެއެވެ. އެގޮތުން ބިން ހިއްކުމުގެ މައްސަލާގައި ޑްރައިނޭޖް ހަދާގޮތުގެ ކަންބޮޑުވުމާއި މަގު ހަދާއިރު ބައެއް މަގު ހަނިވުމުގެ އިތުރުން ބައެއް ސަރަހައްދުތަކުގައި ނަރުދަމާ އަދި ނޭޅި ހުރުމުގެ މައްސަލަވެސް ކައުންސިލުން ވަނީ މިނިސްޓްރީއާއި ހިއްސާކޮށްފައެވެ.


މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާއި ގުޅޭގޮތުން އައްޑޫލައިވް އާއި ވާހަކަ ދައްކަވަމުން މޭޔަރ އަލީ ނިޒާރު ވިދާޅުވީ އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ސިމެންތި އަޅައި ހަދާ މަގުތައް އެގޮތަށް ދޫކޮށް ނުލާނެ ކަމުގެ ޔަޤީންކަން މިނިސްޓްރީން ދީފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ މަޝްވަރާތައް މިނިސްޓްރީން މިހާރު ކުރަމުންދާ ކަމަށް ނިޒާރު ވިދާޅުވިއެވެ. މީގެ އިތުރުން މީދޫ އަދި އެހެނިހެން އަވަށްތަކުގައި ހުރި މައްސަލަތައްވެސް މިނިސްޓްރީއާއި ހިއްސާ ކުރެވިފައިވާކަން ފާހަގަކޮށް ނިޒާރު ވިދާޅުވީ މިނިސްޓްރީއާއި އެކު ކުރެވުނު މަޝްވަރާތައް ވަރަށް "ޕޮޒިޓިވް" ކަމަށެވެ.

މިދިޔަ ސަރުކާރުން އައްޑޫގައި ފަށާފައިވާ 100 ކިލޯމީޓަރުގެ މަގު ހެދުމާއި، އައްޑޫގެ ގުޅިފައިވާ ރައްތަކުގެ ބިން ހިއްކުމުގެ މަސައްކަތް ނުހުއްޓި އަދިވެސް ކުރިއަށް ދެއެވެ. މިމަސައްކަތްތަކުގެ ތެރެއިން މަގު ހެދުމުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާއިރު، މިހާރު ސިމެންތި އަޅަގައިގެން ހަދަން ޖެހޭ މަގުތަކާއި މެދު އަދި ސަރުކާރުން ވަކި ގޮތެއް ނުނިންމައެވެ.

ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ނިމިފައިވާއިރު، ބިން މިހާރު މަސައްކަތް ދަނީ ހިއްކާފައިވާ ބިންތައް ލެވެލްކޮށް ޑްރެއިނޭޖް ހެދުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ދަށުން ހިއްކާފައިވާ ސަރަހައްދާއި މިހާރު އޮތް ބިމާއި ދެމެދު ގެން ދައުރުވާ ކަންޒެއް ހަދައެވެ. މިއީ އަލަށް ހިއްކި ސަރަހައްދު އުސްކޮށް އޮތުމުން ވިއްސާރަ ވެއްޖެނަމަ ރަށުގައި ފެންބޮޑުވުން ހުއްޓުވުމަށް ކުރެވޭ މަސައްކަތެކެވެ.