އައްޑު އަށް ޖައްސާލައި ސައުތު ލޭންޑުން ކޮފީއެއް ބޯލައި ފަނޑިޔާރުތަކުރު ބޮޑު މަގުން ބުރެއް އަޅާނުލައި ގިނަ ދުވަސް ވާންވެއްޖެ ނަމަ މިހާރު ފޫހިވާގޮތްވެ އެވެ.
މިހެންވީމާ މިހާރު ހަމަކަމަކާނުލާވެ ސް އެބަދެވެ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކޮންމެވެސް ބޭނުމަކު ހުޅުލެއަށް ގޮސްފައި ހަމަ ކުއްލިއަކަށް އައްޑު އަށް ޖައްސައިލުމުގެ ޝައުގުވެރިކަން ބޮޑުވެގެން އެންމެ ފަހުން ދަންވަރު ފްލައިޓަށް އަރައިގެން އެ ސިޓީ އަށް ހިނގައްޖައީމެވެ.
ފޮށިތަންމައްޗާއި ނުލައި ހަމަ ހުސްއަތާ ފޭބިމީހަކަށްވާތީ ވަރަށް އަވަހަށް ޓާމިނަލުން ނިކުމެ ސިގިރޭޓެއް ރޯކޮށްލާންކަމަށް ހީކުރިތަނާ ބަޔަކު ފޮށިގެންފިއެވެ. މިފޮށުމެއްގެ މުރާދަކީ ތިޔަ ހަދަނީ ހައްތާވެސް ދޮގެވެ. ދޮގުންވެސް ނެރެނީ ދޮގެވެ. ދޮގު ހެދުމުގައި ތިޔައީ ދެވަނައެއް ނެތް މީހެކެވެ.
ކުޑައިކޮށް އެވެރިންގެ މޫނުތަކަށް ނަޒަރު ހިންގާލިއިރު މުޒާހަރާތަކުގެ ކުރީ ސަފުން ފެންނަ ބަޔަކާ ވައްތަރު ގޮތެއް ހުރިހެން ހީވިއެވެ. އެހެންވެ މާބޮޑަށް އެވެރިންނަށް ސަމާލުކަމެއް ނުދީ ދުރަށް ހިގައްޖައީމެވެ. ފަހަކަށް އައިސް މިއީ ދެން ވަރަށް އާއްމު ކަމެކެވެ. އަޅުގަނޑު އައްޑޫއަށް ގޮސްފިއްޔާ އެންމެ ފުރަތަމަވެސް އިވޭނީ މިއަޑުތަކެވެ.
ދޮގޭ އެކިޔަނީ ކޮންވާހަކައަކަށް ބާވައެވެ. މިއީ ދެން އަޅުގަނޑަށް ވެސް ވިސްނާލަން ޖެހޭ ސުވާލެކެވެ. ތަޖުރިބާއިން ޔަގީންވާގޮތުގައި ދޮގަކަށް މިވަނީ އެމީހަކު އަޑު އަހާން ބޭނުން ނުވާ ކޮންމެ އެއްޗެކެވެ.
ތެދަކަށް ވަނީ ހިތަށް ފަސޭހަކުރާ ކޮންމެ އަޑެކެވެ. އެވަރަށް އަޅުގަނޑުމެންގެ ބައެއް މީހުންނަށް ތެދާއި ދޮގު ވަކިކުރަން ފަސޭހަވެއްޖެއެވެ. އެހިސާބުން އަދި ނުނިމެއެވެ. ތިމާ ނުވެސް ދަންނަ އަދި ރަހުމަތްތެރިކަމެއްވެސް ނެތް މީހެއްގެ މޫނުމަތީގައި ޒުވާބުކޮށް ހިތަށް އައިހާ ފަތިވަރުތަކެއް އަމުނާލެވުނީމާ އެފަދަ ބައެއް މީހުންނަށް އެލިބެނީ ވަރަށްވެސް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށް ހީކުރެވެއެވެ.
ފަހަތުން ހޭރޭ ކޮންމެ ހޭރުމަކަށް ރައްދުދިނުމަކީ އަޅުގަނޑު ކުރާކަމެއް ނޫނެވެ. އެކަމަކު ދަންނަ މީހަކު ފޮށިގެންފިއްޔާ ވެގެން އުޅޭގޮތް ސާފުކުރަމެވެ. ތިޔަ ހަދަނީ ދޮގޭ ބުނެފިއްޔާ ހެދި ދޮގެއް ބަޔާންކޮށްދޭށޭ ބުނަމެވެ. އަދިމިހާތަނަށް ދުވަހަކުވެސް އެމީހުން އެކިޔާ ދޮގު ސާބިތުކޮށެއް ނުދެވެއެވެ. ގިނައީ ހީވާހީވުމެއް ނުވަތަ ހިތަށް ފިނިކުރާ ކޮންމެވެސް ފިކުރެއްގެ ދިފާއުގައި ކޮންމެވެސް ހާސަރުތަކެއް އަމުނާލެވޭ މީހުންނެވެ. ސުލްހަވެރިކަމާއެކު އެއްތާކު އިށީދެގެންތިބެ ވާހަކަ ދެއްކޭވަރަށްވުރެ ރުންކުރު މައުލޫމާތު މަދު ދުރު ފެނުން ކުޑަ މީހުންނެވެ. އެހެންވީމާ އެފަދަ ބަޔަކާއެކު ކުރެވޭނެ ބަހުސެއްވެސް ނޯންނާނެތާއެވެ.
މިފަހަރު އައްޑޫއަށް ފޭބިތަނާ ދޮގޭ ދޮގޭ އާނ ދޮގޭ ހީވާގޮތް ދޮތައޭ މިވަރަކަށް މިގޮވި ސަބަބު ހުކުރުދުވަހު އެރިއިރާއެކު ސާފުވެ ނިމިއްޖެއެވެ. މިވީގޮތަކީ އައްޑޫލައިވުގައި މާގިނައިން ސިޓީ ކައުންސިލާ ބެހިފައި ބަޔަކު މީހުން ލިޔުންތަކެއް ލިޔަނީއެވެ. އަޅުގަނޑަކީވެސް ސިޓީ ކައުންސިލް ބަދުނާމުކުރާ މީހެކޯލައެވެ. އެހެންވީމާ އައްޑޫ ކައުންސިލަރުން މަގާމުގެ މަސްއޫލިއްޔަތު ނޫފުލާ ވާހަކަ މިވީ ދޮގު ވާހަކައަކަށެވެ. އެވާހަކަ ދައްކާ މީހަކަށް މިވީވެސް އަޅުގަނޑެވެ. ތެދެކެވެ. އަޅުގަނޑުވެސް ލިޔަމެވެ. ކައުންސިލަރުންގެ ފަރުވާކުޑަކަމާއި ކުފޫ ހަމަނުވާ ވާހަކަވެސް ލިޔެފީމެވެ.
އެއީ ދޮގުކަމަށް ވަނީވިއްޔާ ކައުންސިލަރުން އެކަން ސާބިތުކޮށްދޭންވީއެވެ. ސާބިތުކޮށްދީފިކަމުގައި ވާނަމަ އަޅުގަނޑު މިކުރާ މަސައްކަތް ހުއްޓާލާފައި ކައުންސިލަރުން ދައްކާ މަސައްކަތެއް ކުރާން މުޅި އުމުރުދުވަހަށް އެމީހުންގެ ޚާދިމަކަށް ހުރެދާނަމެވެ. ކޮންމެހެން ދުރުގައި ފިލާތިބެފައި ބަޔަކު ލައްވާ ދޮގޭ ދޮގޭ ކިޔުއްވުމުގެ ބޭނުމެއް ނެތެވެ. ތިޔަ ކައުންސިލަރުންގެ އުރައްޕެއް ހުރީވިއްޔާ އަޅުގަނޑު މިހުރީ ތިޔަ ހަ މީހުން އެކުގައި ގޮވައިގެން ޓީވީ ޕްރޮގްރާމަކަށް އަރަންވެސް ތައްޔާރަށެވެ. ތިޔަ މީހުންނަށް ފަސޭހަ ދުވަހެއްގައި އަދި ފަސޭހަ ތަނަކާއި ގަޑިއެއްގައި އަޅުގަނޑު އެކަން ކޮށްދީފާނަމެވެ.
އެހެން ވާހަކައެކެވެ. ހުކުރު ދުވަހު ހެނދުނު ގަޑީގައި ފޭދޫ އާއި މަރަދޫ ފޭދޫ އަދި މަރަދޫގެ ތެރޭގައި ސައިކަލް ބުރެއް އަޅާލީމެވެ. ފަނޑިޔާރުތަކުރު މަގުގައި ހެދިފައިހުރި ބޮޑެތި ވަޅުގަނޑުތައް މިފަހަރަކު ނެތެވެ. ވަރަށް އުފާވިއެވެ. ލަންކާ ސަރުކާރުގެ އެހީގައި ހަދަމުންދާ މަގުގެ މަސައްކަތްވެސް ކުރިއަށްވުރެ ރަނގަޅަށް ކުރިއަށްދާކަމުގެ އަލާމާތްތައް ފެނުނެވެ.
އެކަމާވެސް އުފާވިއެވެ. ބައެއް މީހުންކުރެން އަހައިލީމާ ކައުންސިލަރުން ކުރިއަށްވުރެ ހީވާގިވާން މަސައްކަތްކުރާ ވާހަކަވެސް އަޑު އިވިއްޖެއެވެ. ހިތުގައި ޖެހުނެވެ. ބަޔަކު މީހުން ފާޑުކިޔައި ހަގީގަތް ހާމަކުރާން ފެށީމާ ކައުންސިލަރުންނަށް ވެސް ހިމޭނަކުން ނުތިބެވޭނެތާއެވެ.
ހުކުރުދުވަހު ހަވީރު އެނބުރި މާލެއައިސް މިކޮލަމް ތަންކޮޅެއް އަވަހަށް ލިޔާންކަމަށް ހިތުލައިގެން އުޅެނިކޮށް ވެސް މިފަހަރު މިވީ މިހާވަރެވެ. އަދިވެސް މިޒާތުގެ ކޮފީ ބުރަކަށް ޖައްސާލުމުގެ ޝައުގުވެރިކަން އެބަހުއްޓެވެ. ބަޔަކު އަދި ހަޅޭއްލެވިޔަސް ޝައުގަކަށްވެސް އަޒުމަކަށްވެސް އަންނާނެ ބަދަލެއް ނެތެވެ.