މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހުގެ އިމްޕޯޓް ދަށްވެ، އެކްސްޕޯޓް އިތުރުވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކޮންމެ މަހަކު އާންމު ކުރާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު ނޮވެމްބަރު މަހު އިމްޕޯޓް މުދަލުގެ ސީއައިއެފް އަގަކީ، 4.4 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރު ނޮވެމްބަރު މަހު އިމްޕޯޓު ކުރެވިފައިވާ މުދަލުގެ ސީއައިއެފް އަގަކީ 4.3 ބިލިއަން ރުފިޔާއެވެ. މިއީ 2 އިންސައްތައިގެ ދަށްވުމެކެވެ.
ރާއްޖެއަށް މިދިޔަ ނޮވެމްބަރު މަހު އެންމެ ގިނައިން އިމްޕޯޓު ކޮށްފައިވަނީ ޔޫއޭއީ، އިންޑިއާ، ސިންގަޕޫރު އޮމާން އަދި ޗައިނާއިންނެވެ. މީގެ ތެރެއިން ޔޫއޭއީން 664 މިލިއަން ރުފިޔާ މުދާ އެތެރެކުރިއިރު، އިންޑިއާއިން 651 މިލިއަން ރުފިޔާގެ މުދައު އެތެރެކޮށްފައެވެ. އޭގެ ފަހުން ތިންވަނައަށް އެންމެ ގިނައިން އެތެރެ ކުރީ އޮމާނުންނެވެ. އެއީ 513 މިލިއަން ރުފިޔާގެ މުދަލެވެ.
ހަމަ މި މުއްދަތުގައި އެކްސްޕޯޓު ކުރެވުނު މުދަލުގެ އެފްއޯބީ އަގު މިދިޔަ އަހަރު ހުރީ 165 މިލިއަން ރުފިޔާގައެވެ. ނަމަވެސް މިއަހަރު ނޮވެމްބަރުގައި 216 މިލިއަން ރުފިޔާއަށް އެކްސްޕޯޓުގެ އެފްއޯބީ އަގު ވަނީ އުފުލިފައެވެ. މިއީ 32 އިންސައްތައިގެ ކުރިއެރުމެއްކަން ކަސްޓަމުން ފާހަގަ ކުރެއެވެ.
Monthly Statistics – November 2023
🔹Major Importing categories
🔸Exporting commodities
🔹top 5 importing / exporting countries.
🔗https://t.co/pMIlsFxxjm@yoosufmaaniu pic.twitter.com/v2AbaPyNYo— Maldives Customs Service (@CustomsMv) December 19, 2023
ދިވެހި ރާއްޖޭގެ އެކްސްޕޯޓުގެ ބޮޑުބައެއް ހިއްސާކުރާނީ، މަހުގެ ބާވަތްތަކެވެ. އޭގެ ތެރެއިން 53 އިންސައްތަ މިދިޔަ މަހުވެސް ބޭރުކޮށްފައިވަނީ ތައިލޭންޑު ބާޒަރަށެވެ. ދެވަނައަށް އެންމެ ގިނައިން ކުރި އިންގިރޭސިވިލާތައް ބޭރުކޮށްފައިވަނީ 13 އިންސައްތައެވެ.
މިއާއެކު ދައުލަތައް އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީއަށް ބަލާއިރު، މިއަހަރު 429 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އެކްސްޕޯޓު އިތުރުވުމުން މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ. ނޮވެމްބަރު މަހު ރޯޔަލްޓީގެ ގޮތުގައި 11،7 މިލިއަން ރުފިޔާ ވަނީ ލިބިފައި ކަމަށް ކަސްޓަމްސް ތަފާސް ހިސާބުތައް ދައްކައެވެ.
މިދިޔަ ނޮވެމްބަރު މަހު ރާއްޖެ އައިސްފައިވަނީ 131 އުޅަނދެވެ. އަދި ރާއްޖެއިން ހަމަ އެ މުއްދަތުގައި 139 އުޅަނދެއް ފުރާފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.