މި ސަރުކާރުން ކުވޭތާ އެކީ ގުޅުން އިތުރަށް ބަދަހި ކުރަން މަސައްކަތް ކުރާނެ ކަމަށާއި އެކަމުގެ ޔަގީންކަން ވެސް އެ ގައުމަށް ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިގޮތަށް ވިދާޅުވީ ކުވޭތުގެ އަމީރުކަމާ ހަވާލުވެވަޑައިގަތް ޝެއިޚު މިޝްޢަލް އަލް-އަޙްމަދު އަލް-ޖާބިރު އަލް-ޞަބާޙް އަށް މަރުހަބާ ވިދާޅުވެ، ފޮނުއްވި މެސެޖެއްގަ އެވެ. އެ މެސެޖްގައި ރައީސް ވިދާޅުވީ ރާއްޖެ އާއި ކުވޭތާ ދެމެދު އޮތް ގާތް ދެމެހެއްޓެނިވި ގުޅުން ބިނާވެފައި ވަނީ، ދެ ގައުމުން ވެސް އެއް ގައުމު އަނެއް ގައުމަށް ކުރާ އިތުބާރާއި އިޙުތިރާމާއި އަދި ދެ ގައުމުގައި ވެސް އޮންނަ އިސްލާމީ ރިވެތި އަޚްލާގުގެ ސަބަބުން އުފެދެމުން އަންނަ ސަޤާފީ، ތާރީޚީ ގުޅުމުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ އިގުތިސާދީ މަގުސަދުތައް ކުރިއެރުވުމުގައި ކުވޭތުން މިހާތަނަށް މުހިންމު ދައުރެއް ވެސް އަދާކޮށްފައިވާ ކަމަށާއި އެ ގައުމުން ރާޖެއަށް ލިބެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން އަބަދު ވެސް ބަލައި ގަންނާނެ ކަމަށެވެ. އަދި އެކަމުގެ ވަޒަންކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސްޖުގެ މެސެޖުގައި، އާ އަމީރުގެ ޒައާމަތުގައި، ކުވޭތު ތަރައްގީގެ އާ އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަޤީންކަން އޮތް ކަމަށް ވިދާޅުވި އެވެ. އަދި އާ އަމީރާ އެކީ ފެށުނު ދައުރުގައި ކުވޭތާއި ރާއްޖެއާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށާއި، އެކަމަށް ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވި އެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން، ކުވޭތުގެ އަމީރު އައްޝެއިޚު ނަވާފް އަލްއަޙްމަދު އަލްޖާބިރު އައް ޞަބާޙް މި މަހުގެ 16 ވަނަ ދުވަހު ވަހާރަވުމާ ގުޅިގެން ކުވޭތުގެ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވި އެވެ. އަވަހާރަވި އަމީރަށް ރާއްޖޭގައި ކަށުނަމާދު ވެސްކޮށްފައިވާ އިރު، އެ ހިތާމައިގައި ބައިވެރިވާން ދިވެހި ދިދަ ބައި ދަނޑިއަކަށް ތިރި ވެސް ކުރި އެވެ.