ރާއްޖެ އަށް މި އަހަރު އަންނަ 1.8 ވަނަ މިލިއަން ޓޫރިސްޓް މިއަދު އަންނާނެ ކަމަށް ބުނެފި އެވެ.
އެހެންވެ މި އަހަރު 1.8 މިލިއަން ޓޫރިސްޓުން ގެންނަން ކަނޑައެޅި ޓާގެޓް މިއަދު ހާސިލުވާތީ 1.8 މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔަން ހާއްސަ ރަސްމިއްޔާތެއް ވެލާނާ އެއާޕޯޓް (ވީއައިއޭ) ބާއްވަން ވަނީ ނިންމައިފަ އެވެ. މިކަމުގެ ތައްޔާރީތައް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީން މިހާރު އަންނަނީ ވަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ 1.8 ވަނަ މިލިއަން ޓޫރިސްޓް ރާއްޖެ އަންނާނީ ހަވީރު 4:30 އާއި 17:00 ދޭތެރޭ ވަގުތެއްގައި ކަމަށެވެ.
މި އަހަރު ރާއްޖެ އިން އެއް ވަނަ މިލިއަން ވަނަ ޓޫރިސްޓް އައުން ވެސް ފާހަގަކޮށްފައި އެވެ. އެއީ ޖުލައި 16 ގަ އެވެ. އެ ޝަރަފު ލިބުނީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ރަޝިއާގެ އެންޓޮން ޕަވްލޯއަށެވެ.
ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ތިން ގައުމަކީ ރަޝިއާ، އިންޑިއާ އަދި ޗައިނާ އެވެ.
އަންނަ އަހަރު ރާއްޖެ އަށް 2.01 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާޒް (މަޓާޓޯ) އިން ލަފާކޮށްފައިވެ އެވެ.
މިދިޔަ އަހަރު ރާއްޖެ އައީ 1.6 މިލިއަން ޓޫރިސްޓުންނެވެ.