ސަރުކާރުގެ ވެރިންގެ މުސާރަ ބޮޑުވާން ބޭނުންވެވަޑައިނުގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސާއި ނައިބު ރައީސާއި މިނިސްޓަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖީހުން އިއްޔެ ފާސްކުރުމާ ގުޅިގެން ރައީސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ވެރިންގެ މުސާރަ ބޮޑުކުރަން ސަރުކާރުން އެދިފައި ނުވާނެ ކަމަށެވެ.
"އަދި [މުސާރަ] ބޮޑުކުރާކަށް ބޭނުމެއް ވެސް ނޫން،" ރައީސް ވިދާޅުވި އެވެ. "އެއްވެސް މަޝްވަރާއެއް ނެތި މި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރަން އަޅުގަނޑު ނިންމައިފިން."
Raees, naib raees, vazeerunge musaara bodu kuran sarukaarun edhifa nuvaane. Adhi bodu kuraakah beynumevves noon. Evves mashwara eh kurumehnethi mi genai badhaluge sababun libey musaaraige kuri erun kudakudhinge hiyaa fadha ijthimaaee fund akah hadhiyaa kuran alhugandumen…
— Dr Mohamed Muizzu (@MMuizzu) December 20, 2023
ރައީސާއި ނައިބު ރަައީސްގެ މުސާރަ އާއި އިނާޔަތްތަކާ ބެހޭ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރަ އަކީ މިހާރު މަހަކު 100،000ރ. އެވެ. އަދި ނައިބު ރައީސްގެ މުސާރަ އަކީ މަހަކު 75،000ރ. އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކޮށްފައި ވަނީް ރައީސްގެ އަސާސީ މުސާރަ 120،000ރ. އަށް ބޮޑު ކުރުމަށާއި، ނާއިބުގެ އަސާސީ މުސާރަ 93،000ރ. އަށް ބޮޑު ކުރުމަށެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ 74،000ރ. އަށް ބޮޑުކުރުމެވެ.
މުސާރަ އާއި އެލަވަންސްތަކުގެ ގޮތުގައި ވަޒީރުންނަށް މަހަކު މިހާރު ލިބެނީ 66،000ރ. އެވެ.
ސަރުކާރުގެ ވެރިންގެ އިތުރުން މަޖިލިސް މެންބަރުންގެ މުސާރަ އާއި މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަ ވެސް ބޮޑުކުރަން އިއްޔެ ނިންމާފައިވެ އެވެ.