އަބިޝެކް ކަޕޫރު ޑައިރެކްޓް ކުރި ރޮކް ބޭންޑެެއްގެ ވާހަކަ ކިޔައިދޭ ހިޓް ފިލްމް "ރޮކް އޮން" ޕްރޮޑިއުސްކޮށް، މިހާރު އެ ފިލްމުގެ ސީކްއެލްއް ހަދަން ތައްޔާރުވަމުން އަންނަ އެކްސެލް އެންޓަޓައިންމަންޓާ ދެކޮޅަށް މައްސަލައެއް ކޯޓަށް ވައްދައިފި އެވެ.
މި މައްސަލައިގެ ފުރަތަމަ އަޑު އެހުން ވެސް މިއަދު ވަނީ ބާއްވައިފަ އެވެ.
އެހެންވެ މުމްބާއީ ހައި ކޯޓުން މި މައްސަލާގައި ވަކި ގޮތެއް ނިންމަންދެން "ރޮކް އޮން 2" ގެ އެއްވެސް މަސައްކަތެއް އެކްސެލް އިން ކުރިއަށް ނުގެންދިއުމަށް ވަނީ އަންގައި އެވެ.
ފަރްހާން އަހުތަރާއި ރިތޭޝް ސިދްވާނީގެ އެކްސެލް ގޮވައިގެން ކޯޓަށް ދާން އަބިޝެކަށް މަޖުބޫރުވީ އޭނާ އަށް އެއްވެސް ކްރެޑިޓެއް ނުލިބޭ ގޮތަށް ފިލްމުގެ ނަމާއި ފިލްމްގެ ސްކްރިޕްޓް އެ ކުންފުނިން ކުރިއަށް ގެންދާތީ އެވެ.
އެހެން ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ 2008 ގައި ރިލީޒް ކުރި "ރޮކް އޮން" އަކީ ސީދާ އަބިޝެކް ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެއް ކަމެވެ. ފިލްމުގެ މުޅި ކޮންސެޕްޓަކީ އޭނާގެ ހިޔާލެކެވެ.
އަނެއްކޮޅުން ""ރޮކް އޮން 2" އަކީ ވެސް އޭނާގެ ނަމުގައި ފިލްމް ރައިޓާސް އެސޯސިއޭޝަން (އެފްޑަބްލިއުއޭ) ގައި ރަޖިސްޓްރީކޮށްފައިވާ ނަމެކެވެ.
މިކަންކަން މިހެން އޮތްވައި "ރޮކް އޮން 2" ގެ ނަމުގައި ފިލްމް އިއުލާންކޮށް، ފިލްމުގެ ސްކްރިޕްޓްެ ހުރިހާ ކްރެޑިޓެއް ދީފައި ވަނީ "ރޮކް އޮން" ގެ ސްކްރީންޕްލޭ ހެދުމުގައި އަބިޝެކާ އެކު މަސައްކަތް ކުރި އަންހެން ލިއުންތެރިޔާ ޕޫބަލީ ޗައުދަރީއަށެވެ.
ޕޫބަލީ ވަނީ އޭނާގެ އަމިއްލަ ނަމުގައި "ރޮކް އޮން 2" ގެ ސްކްރިޓް ރަޖިސްޓްރީ ވެސް ކޮށްފަ އެވެ.
އެހެންވެ އަބިޝެކަށް ގަބޫލް ކުރެވުނީ ކުރެވުނީ އެކްސެލް އިން އޭނާ އަށް ވަރަށް ބޮަޑަަށް އޮޅުވާލައިވާ ކަމެވެ. އަދި އެ ކުންފުނިން އޭނާ އާ އެކު ހަދާފައިވާ އެއްބަސްވުމަށް އެއްވެސް ވަރަކަށް އެކްސެލް އިހުތިރާމް ނުކުރާ ކަމަށް އަބިޝެކް ދެކެ އެވެ. ކޯޓް ކޭހަކާ ހަމައަށް މި މައްސަލަ ދިޔައީ މި ސަބަބުތަކާ ހެދި އެވެ.
"ރޮކް އޮން 2" އިން ފުރަތަމަ ފިލްމުން ފެނިގެން ދިޔަ ލޫކް ކެނީ ފިޔަވައި އެހެން ހުރިހާ ލީޑް ފިރިހެން ތަރިންނެއް ފެނިގެން ދާނެ އެވެ.
އޭގެ ތެރޭގައި ޕްރޮޑިއުސަރު ފަރްހާން، އަރުޖުން ރާމްޕާލް އަދި ޕޫރަބް ކޯލީ ހިމެނެ އެވެ.
އަދި ސީކްއެލްގެ އެންމެ މުހިއްމު ރޯލަކުން މި ފަހަރު އަންހެން ލަވަ ކިއުންތެރިއެއްގެ ގޮތުގައި ޒުވާން ބަތަލާ ޝްރަދާ ކަޕޫރު ވެސް ފެނިގެން ދާނެ އެވެ.
"ރޮކް އޮން" ފަހު އަބިޝެކް ވަނީ "ކައި ޕޯ ޗޭ" ނަމުގައި ވެސް ފިލްމެއް ހަދައިފަ އެވެ.
އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ކެޓްރީނާ ކެއިފާއި އަދިތިޔާ ރޯއި ކަޕޫރް ލީޑް ރޯލް ކުޅޭ "ފިތޫރު" ގަ އެވެ. މިއީ އޭނާގެ ތިން ވަނަ ޑައިރެކްޝަނެވެ.