ޒަކާތު ފަންޑު، އަވްޤާފް ފަންޑު އަދި ޙައްޖު ފަންޑު ތަރައްޤީ ކުރުމަށް އިސްލާމިކް މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް އިސްލާމިކް ބެންކު (އެމް.އައި.ބީ) އެކުމެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި ސޮއިކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެމް.އޯ.ޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އެމް.އައި.ބީގެ ފަރާތުން ސޮއި ކުރެއްވީ އެ ބެންކުގެ ސީއީއޯ، މުފައްދަލް އިދުރިސް ޚުމްރީއެވެ.
މި އެއްބަސްވުމުގެ 3 ފަންޑެއް މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެހީގައި ތަރައްޤީ ކުރެވިގެންދާނެއެވެ. އޭގެ ތެރެއިން ޒަކާތު ފަންޑު ތަރައްޤީކޮށް އެއިން ރައްޔިތުންނަށް ފަސޭހަތައް ހޯދައި ދިނުމަކީ ރައީސްގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެއް ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މިމަސައްކަތައް މިހާރު ޒަކާތު ހައުސް ޤާއިމްކުރެވިފައިވާއިރު، ޒަކާތު ފަންޑު އިތުރަށް ތަރައްގީކޮށް އެހީ ބޭނުންވާ ފަރާތްތަކަށް އެ މަގު ފަހިކޮށްދިނުމަކީވެސް ރައީސްގެ މެނިފެސްޓޯގައި ހިމެނޭ ވަޢުދެއްކަން މިނިސްޓްރީން ފާހަގަ ކުރެއެވެ.
Maldives Islamic Bank (MIB) and the Ministry of Islamic Affairs signed a Memorandum of Understanding (MoU) to facilitate the development of Zakat fund, Awqaf fund, and Hajj fund. pic.twitter.com/0G0YDeIVYE
— Ministry of Islamic Affairs (@MVIaffairs) December 20, 2023
މީގެ އިތުރުން އަވްޤާފް ފަންޑު ތަރައްޤީ ކުރަން ހަމަޖެހިފައިވާއިރު، އެ ފަނޑު ފުޅާކޮށް އިތުރު އިމާރާތްތަކެއް އެޅުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. ރައީސް ޑރ. މުޢިއްޒުގެ ވަޢުދުތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ވަޤުފް މަޝްރޫޢުތައް ހިންގުމަށް ވަނީ ނިންމާފައެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހައްޖު ފަނޑުވެސް ތަރައްޤީ ކުރަން މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެހީތެރިކަން ލިބިގެންދާނެއެވެ. މި ސަރުކާރުން ވަނީ ސަރުކާރުގެ އެހީގައި 1000 ފަރާތަކަށް ހިލޭ ހައްޖައް ދެވޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށް ބުނެފައެވެ. މިއާއެކު މިނިސްޓްރީން ވަނީ ހުރިހާ ހައްޖު ކޯޓާއެއް ސަރުކާރާރުގެ ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމާފައެވެ.