Last Updated: November 27, 01:11
Tuesday, November 26, 2024
ޚަބަރު

ޔުނިވަސިޓީން ހަދާނީ "ސިޓީ ބުސްތާން"

ގައުމީ ޔުނިވަސިޓީގެ ހިތަދޫ ދަނާލު. ފޮޓޯ/ އައްޑޫ ލައިވް

ގައުމީ ޔުނިވަސިޓީ އަށް ހިތަދޫން ކުއްޔަށް ދިން ބިމަށް ކިޔާނީ "ސިޓީ ބުސްތާން" ކަމަށް އަައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެގޮތަށް ނިންމާފައި ވަނީ މި މަހުގެ 3 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ނުވަ ވަނަ ބައްދަލުވުމުގަ އެވެ.

ޤައުމީ ޔުނިވަސިޓީ ހިތަދޫ ކެމްޕަސްގެ ދަނާލު ޢިމާރާތް ކުރެވިފައިވާ ބިމުގައި އެލޮޓްމަންޓް ގާޑްނިންއެއް ހަދައި، އެތަނުގެ ބިން ކުއްޔަށް ދޫކުރުމަށްޓަކައި އެކުލަވާލެވިފައިވާ އެއްބަސްވުމުގެ މަޝްވަރާ އަށް އެދި ކައުންސިލްގެ ލޭންޑް އެންޑް ހައުސިން ސެކްޝަނުން ހުށަހަޅާފައިވާ މައްސަލަ އާ ގުޅިގެން ކައުންސިލްގައި މަޝްވަރާ ކުރުމަށް ނިންމާފައި ވަނީ:

* އައްޑޫގައި ޘަޤާފީ، އިޖްތިމާޢީ، ޢިޤްތިޞާދީ ތަރައްޤީއަށާއި އަދި ރައްޔިތުންގެ ކުރިއެރުމަށް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން މަސައްކަތް ކުރުމުގެ މަޤްޞަދުގައި، އެލޮޓްމަންޓް ފާމިންއެއް ހެދުމަށް ޤައުމީ ޔުނިވަސިޓީއިން ހުށަހަޅާފައިވާ ކުރެހުމުގައި ބަޔާން ކުރެވިފައިވާ ބައި،ކުރެހުމާއި އެއްގޮތަށް އައްޑޫސިޓީގައި ޤާއިމު ކުރުމަށް ކައުންސިލަށް ފެންނަ ކަމަށް.

* އައްޑޫގައި އެލޮޓްމަންޓް ފާމިންގ އެއް ޤާއިމު ކުރެވުމުން ދަނޑުވެރިން ނޫނަސް ގަސް ހެއްދުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަތަކަށް ފުރުޞަތު ފަހިވާނެ ކަމަށް ފެންނަ ކަމަށް.

* ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަސް ބިނާކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ޤައުމީ ޔުނިވަސިޓީއަށް ރަޖިސްޓްރީކޮށް ދީފައިވާ ބިމުގައި ޤައުމީ ޔުނިވަސިޓީއިން ހުށަހަޅާފައިވާ ގޮތަށް އައްޑޫގެ ރައްޔިތުންގެ ތަރައްޤީއަށާއި ކެރިފޯރުންތެރިކަން އިތުރު ކުރުމަށް ދެ ފަރާތުގެ ދެމެދުގައި ޝަރުޠުކުރެވޭ އެއްބަސް ވުމެއްގައި ސޮއި ކުރުމަށް ކައިންސިލަށް ފެންނަ ކަމަށް.

* އެގޮތުން ސޮއި ކުރެވޭ އެއްބަސްވުމުގައި، ޤައުމީ ޔުނިވަރސިޓީއިން ތައްޔާރު ކުރެވިފައިވާ "ޕޭޕަރު 47" އެއްބަސްވުމުގައި ބަޔާން ކުރެވިފައިވާ ނުކުތާތައް ހިމެނުމަށް އައްޑޫ ސިޓީ ކައުންސިލަށް ފެންނަ ކަމަށް.

* ބަޔާން ކުރެވިފައިވާ އެއްބަސް ވުމުގެ ދަށުން ޤާއިމު ކުރެވޭ އެލޮޓްމަންޓް ފާމިން އަށް ކިޔާނެ ނަމަކަށް "ސިޓީ ބުސްތާން" ހަމަޖެއްސުމަށް ކައުންސިލްއަށް ފެންނަ ކަމަށް.

އެެހެންވެ މިއެއްބަސްވުމުގެ ދަށުން ޤާއިމު ކުރެވޭ އެލޮޓްމަންޓް ފާމިންއަށް ކިޔާނެ ނަމަކަށް "ސިޓީ ބުސްތާން" ކަމަށް ހަމަޖެއްސުމަށް ނިންމުމަށް ފަހު ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މި ހުށަހެޅުން ވަނީ ފާސްކޮށްފަ އެވެ.