ޖިނާޢީ ކުއްތަކަށް އަރައިގަނެފައިވާ ބީދޭސީން ވަގުތުން ރާއްޖެއިން ބޭރު ކުރާނެ ކަމަށް ރާއްޖޭގެ ތަންފީޒީ އިދާރާތައް ބަލަހައްޓަވަމުން ގެންދަވާ ވަޒީރު، މިނިސްޓަރ ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން އިހުސާން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރީގައި ދިޔަ ގޮތަށް ނުދާނެ ކަން ޔަޤީން ކުރުމަށް ގިނަ މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ރާއްޖެ އެތެރެވާ ބިދޭސީންގެ ނިސްބަތްވާ ޤައުމުތަކުގެ އެންބަސީތަކާއި އެކު މަސައްކަތް ކުރެވި އެ ފަރާތްތަކުން ހުއްދަ ދެވިފައިވާ އޭޖެންސީއެއް މެދުވެރިކޮށް އަންނަ ފަރާތްތައްކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރެވޭ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު އިންސާނީ ވަގުފާރިއަށް ވަދެފައިވާކަން ފާހަގަ ކުރެވިފައިވާ ކުންފުނިތަކާއި އަދި ޤާނޫނީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް މިކަންކަން އެކިގޮތް ގޮތުން ފެސިލިޓޭޓް ކުރަމުން އަންނަ ކުންފުނިތަކަށް މީގެ ކުރިން ދެވުނު ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.
"އޭގެ އިތުރަށް ކުރިއަށް އޮތް 1 އަހަރު ތެރޭގައި އަޅުގަނޑުމެންގެ ޓާގެޓަކީ، ރާއްޖެ އެތެރެވެފައި މިވަގުތު ޤަވާއިދާއި ޚިލާފަށް ތިބި މީހުންވެސް ޤާނޫނީ އިމުގެ ތެރެއަށް ގެނައުން. އެގޮތުން ކޮންމެ މީހަކީ އެކައުންޓު ކުރެވިފައި ފިންގްޕްރިންޓް ނެގި އައިޑެންޓިފައި ކުރެވިފައި ހުރި މީހެއްކަން ޔަޤީން ކުރާނަން. އޭގެ ތެރެއިން މިހާރުވެސް އަދި ތަހުޤީޤުތެރެއިން ވެސް ފާހަގަ ކުރެވޭ ޖިނާޢީ ކުއްތަކަށް އަރައިގެންފައިވާ ބިދޭސީން ވަގުތުން ވަގުތަށް ބޭރު ކުރާނަން " އިހުސާން ވިދާޅުވިއެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިހާރު ވޯކް ޕާމިޓް ދޫކުރެވިފައިވާ މީހުންގެ ތެރެއިން ރާއްޖޭގައި ނެތް ފަރާތްތައް އައިޑެންޓިފައިކޮށް ކެންސަލް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މިހާރުވެސް ނުހިނގާ ކުންފުންޏެއްގެ ދަށުން 1000 ވޯކް ޕާމިޓް އޮތް ކަން ފާހަގަ ވެފައިވާކަން އިހުސާން ވިދާޅުވިއެވެ. މިފަދަ ކަންކަންވެސް ބަލައި ފިޔަވަޅު އަޅާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ، އެ ފަރާތުން ހިންގާ އޮޕަރޭޝަންތަކުން އެހެން ހުއްދަ ދެވިފައިވާ ސައިޓު ނޫން އެހެން ސައިޓުތަކުގައި ބިދޭސީން މަސައްކަތް ކުރާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެހާ ހިސާބުން އެއީ ޤަވާއިދާއި ޚީލާފުވެފައިވާ ފަރާތެއް ކަމަށް ބަލައި އިމިގްރޭޝަން ބެލުމުގެ ދަަށަށް ގެނެވޭނެކަން ފާހަގަކޮށް ޝައްމާން ވަނީ މިފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.