ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ގެންނަ މުދާ ގެންނަ ކޮންޓެއިނާތައް ބަނދަރުގައި ކްލިއާ ނުކޮށް ސައިޓްތަކުުގައި އެ މަސައްކަތްކުރަން ނިންމާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް ޔޫސުފް މާނިއު އިއްޔެ ބޮޑެތި ވިޔަފާރިވެރިންގެ ކޮންޓެއިނާތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް) ގެ ސައިޓްގައި ކްލިއާކުރުމުގެ ބަދަލުގައި އޭގައި ތަޅެއް އެޅުވުމަށް ފަހު ނެރެން ނިންމައިފައިވާ ކަމަށެވެ.
"ތަޅެއް އަޅުވާފައި އަޅުގަނޑުމެން ކޮންޓެއިނަރު މި ފޮނުވާލަނީ އެ ބޭފުޅުންގެ ސައިޓަށް. ދެން އެ ބޭފުޅުންގެ އޯން ޓައިމްގައި އަޅުގަނޑުމެން މި ފޮނުވާލަނީ ކަސްޓަމްސްގެ އޮފިސަރެއް އެ ޗެކްކުރަން،" މާނިއު ވިދާޅުވި އެވެ. "އޭރަށް މިވާ ގޮތަކީ ޖާގައިގެ ދަތިކަން އަބަދުވެސް ދިމާވެފައި މި އޮންނަނީ. އެހެންވީމަ އެމްޕީއެލް ކްލިއާ ވެގެންދާނެ ވަރަށް އަވަހަށް. ކުދި ވިޔަފާރިވެރިންނަށް ފުރުސަތު ލިބޭ އަވަހަށް ކްލިއާ ކުރަން. އޭރަށް ޗާޖްތައް ވެސް ކުޑަވެ އެފިޝަންޓް ވާނެ."
މާނިއު ވިދާޅުވީ މުދާ ކްލިއާކުރުން ފަދަ ހިދުމަތްތަކަށް ކަސްޓަމްސް އަށް ހުށަހެޅުން އެއްކޮށް ޑިޖިޓަލްކުރަން ވެސް ނިންމައިފައިވާ ކަމަށެވެ. އަދި އެއީ ކޮރަޕްޝަން ފަދަ މުއާމަލާތްތައް ހުއްޓުވަން މަގުފަހިކުރަން ކަމަށް ވިދާޅުވި އެވެ.
"ޑިޖިޓަލް ކުރީމަ މިވާ ގޮތަކީ އެ ކަސްޓަމްސް އޮފިސަރާއި ޖެނަރަލް ޕަބްލިކާ ދިމައެއް ނުވާނެ. ރޯންގް ޑްއިންއާ އެއްޗެހި އަސްލު މި އަންނަނީ އެ ހިދުމަތް ދޭ ފަރާތާއި މަސައްކަތް ހަވާލުކުރާ ބަޔަކު ދިމާވީމާ،' އޭނަ ވިދާޅުވި އެވެ. "ދެން ނޯންނާނެ ވަކި ބައެއްގެ އެއްޗެހި ކުރިން ކްލިއާ ކުރުމެއް، ވަކި ބައެއްގެ އެއްޗެހި ފަހުން ކްލިއާ ކުރުމެއް."
ކަސްޓަމްސްގެ ޗީފް ސުޕްރިޓެންޑެންޓް އިސްމާއީލް ހަމްދޫން ވިދާޅުވީ މި ބަދަލާ އެކީ ކުރިއާލައި ކޮންޓެއިނަރުތައް ނެރުމުގެ ފުރުސަތު ދޭނީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސައްހަ ލިޔުންތަކާ އެކު، އުސޫލުގެ ތެރެއިން އަމަލުކޮށްފައިވާ ވިޔަފާރިތަކަށް ކަމަށެވެ. އަދި އެ ފަދަ ވިޔަފާރިތައް ހުންނާނީ ކަސްޓްމްސްއި ލިސްޓުކޮށްފައި ކަމަށް ވިދާޅުވި އެވެ.