ރާއްޖެ އިން ފެނުނު ފައިލޭރިއާ ކޭސްތަކުގެ އަދަދު މިހާރު 25 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި މަހުގެ 1-19 އަށް ކުރި ސްކްރީނިންތަކުން ޖުމްލަ 25 ބިދޭސީން ފައިލޭރިއާ ޕޮޒިޓިވް ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި 434 މީހުން ސްކްރީންކުރި އެވެ.
މި އަހަރު ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ހިންގުނު ބިދޭސީ މަސައްކަތްތެރިންގެ ހެލްތު ސްކްރީނިންގް ކޭމްޕްގައި ބައިވެރިވި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ފައިލޭރިއާއަށް ބައެއް ފަރާތްތައް ފައްސި ވުމާގުޅިގެން މިމަހުގެ 1 އިން 19 އަށް ކުރެވުނު ސްކްރީނިންގް…
— Health Protection Agency (@HPA_MV) December 21, 2023
އެޗްޕީއޭ އިން ބުނީ ފައިލޭރިއާ ޖެހިފައި ތިބި މީހުން ރާއްޖެ އައިސްފައި ވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ "އެންޑެމިކް" ގައުމު ތަކުންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.
ރާއްޖެ އިން ނައްތާލެވިފައި އޮތް ބައްޔެއް ކަމަށްވާ ފައިލޭރިއާގެ ކޭސްތައް ފެނުނީ ކުޅުދުއްފުށިންނެވެ. އެގޮތުން ބަލީގެ ބަޔަކު ފެނުނު ވާހަކަ ހާމަކުރީ މި މަހުގެ 14 ގަ އެވެ. އެ ދުވަހު ބުނެފައި ވަނީ ބަލި ޖެހިފައިވާ 17 މީހުން ފެނިފައިވާ ކަމަށެވެ. އަދި މި މަހުގެ 18 ގައި ބަލީގެ އިތުރު ދެ މީހަކު ފެނުނެވެ.
އެ އެންމެންނަކީ އިންޑިއާ މީހުންނެވެ. ނަމަވެސް ފަހުން އިތުރުވީ ކޮން ގައުމެއްގެ ބައެެއްކަން ހާމައެއްނުކުރެ އެވެ.