ކުޅުދުއްފުށި އެއާޕޯޓު ޓާމިނަލް ބޮޑުކޮށް ޚިދުމަތް އިތުރު ކުރުމުގެ މަސައްކަތް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ފަށައިފިއެވެ.
މިމަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ-14 ޕްލޭންގައި ފެށުމަށް ހިމެނިފައިވާ މަސައްކަތެކެވެ. އެކުންފުންޏާއި ދާދި ފަހުން ހަވާލުވި އެމްޑީ އަހުމަދު މުބީން ވިދާޅުވީ، ކުންފުންޏާއި ހަވާލުވުމަށް ފަހު އެންމެ އިސްކަމެއް ދީފައިވާ އެއް މަސައްކަތަކީ، އެއާޕޯޓަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ އިތުރު ކުރަން ޖެހޭ ޚިދުމަތްތައް އިތުރު ކުރުމާއި، ޕެސިންޖަރުންނަށް އެއާޕޯޓުން ލިބެންޖެހޭ ޚިދުމަތްތައް ހިމެނޭ ކޮންސެޕްޓް ޑްރޯވިންގް ތައްޔާރު ކުރުން ކަމަށެވެ.
މި ކުރެހުމުގެ ބޮޑުބައި ނިމިފައިވާއިރު، ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ވެރިންވަނީ ދާދި ފަހުން ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ކައުންސިލަށް ކުރެހުން ހުށަހަޅައި، އެ ފަރާތްތަކުގެ ޚިޔާލުވެސް އެކަމުގައި ވަނީ ހޯދާފައެވެ. މުބީން ވިދާޅުވި ގޮތުގައި ކުންފުނީގެ އަމާޒަކީ ބަދަލުތައް ގެނެސް ރައީސް ވިދާޅުވި ގޮތަށް މަސައްކަތް ވީހާވެސް އަވަހަށް ފެށުމެވެ.
ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި ޑިޕާޗަރ އަދި އެރަވައިލްގެ ޖާގަ ބޮޑުކުރެވި ޑޮމެސްޓިކް އޮޕަރޭޝަންތަކުގައި ރާއްޖޭގައި މިވަގުތު ބޭނުން ކުރާ އެންމެ ބޮޑެތި ބޯޓުތަކަށް މިތަނުން ޚިދުމަތް ދެވޭނެ ގޮތަށް ހަދާނެ ކަމަށް އާރްއޭސީއެލްއިން ބުނެއެވެ. މީގެ އިތުރުން ނަމާދު ކޮޓަރި، މައިންނަށް ހާއްސަ ކޮޓަރި، ކެފޭ ޚިދުމަތް އަދި ދަތުރުވެރިންނަށް އެއާޕޯޓުގެ އިންފޮމޭޝަން ކައުންޓަރު އަދި އިތުރު ސްޓާފް ފެސިލިޓީތައް ހިމެނެއެވެ.
މިމަސައްކަތުގެ ސްކޯޕުގެ ތެރެއިން އެއާޕޯޓަށް ބޭނުންވާ ޕާކިން ޖާގަ ހަދާނައެވެ. އަދި އެ އާޕޯޓު ސަރަހައްދަށް ބޭނުންވާ އިތުރު މަސައްކަތަތަށް ވެސް ސްކޯޕް ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
މިމަސައްކަތުގެ އިތުރުން އެއާޕޯޓުގެ އުތުރުން އޮތް ބިން ޓުއަރިޒަމަށް ތަރައްޤީ ކުރުމަށް އާރްއޭސީއެލް އާއި ކުޅުދުއްފުށީ ކައުންސިލާއި ދެމެދު ވަނީ ސޮއިކުރެވިފައެވެ. މިިއީ އެ ސިޓީއަށް އިތުރު ފުރިހަމަކަން ގެނެސްދީ ޓުއަރިޒަމް ފުޅާ ކުރުމަށް އެޅޭ ފިޔަވަޅެއްކަމަށް އެކުންފުނިން ބުނެއެވެ.
މީގެ އިތުރުން މިމަސައްކަތުގެ ސަބަބުން އާރްއޭސީއެލް އަމިއްލަ ފައިމައްޗަށް ތެދުވެ ސަރުކާރުގެ ގްރާންޓް އެހީއަށް ބަރޯސާ ނުވެ މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.