އައްޑޫން ބޭރު ރަށްރަށުގެ މީހުންނަށާއި ޢުމުރު ހަމަނުވާ ކުދިންނަށް ދޫކުރެވިފައިވާ ގޯތިތަކާއި، ނިޔާވެފައިވާ ފަރާތްތަކުގެ ނަމުގައި މަސައްކަތެއް ނުކޮށް ހުރި ގޯތިތަައް އެ ގޯތިތައް ދޫކުރެވިފައިވާ ފަރާތްތަކުން ވަކި ކުރަން ނިންމައި، ގޯތިތައް ދީފައި ހުރި ފަރާތްތަކުގެ ވަނަވަރު އެނގޭ ލިސްޓެއްް އައްޑޫ ސިޓީ ކައުންސިލުން އާންމުކޮށްފި އެވެ.
ކައުންސިލުން ބުނީ ހިތަދޫ އަވަށުގެ މާމެންދޫ ސަރަޙައްދުން މެދެއާރި މަގުން ދެކުނަށް އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހިމެނޭ ސަރަޙައްދާއި، ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދަން ރޭވިފައިވާ މަޝްރޫޢުތަކާ ގުޅިގެން ވަކި ކުރެވުނު ގޯތިތަކުގެ މައްސަލައަކީ ގޯތިތަކުގެ ބަދަލު ހަމަޖައްސައި ނުދެވި ގިނަދުވަސްވެފައިވާ މައްސަލަތަކެއް ކަމަށެވެ.
"އެހެންވެ މި މައްސަލަ ޙައްލު ކުރުމުގެ ގޮތުން ކައުންސިލްގެ ދެވަނަ ދައުރުގެ 34 ވަނަ ޖަލްސާއިން ނިންމަވާފައި ވަނީ، ހިތަދޫ އަވަށުގެ މާމެންދޫ ސަރަޙައްދުން މެދެއާރި މަގުން ދެކުނަށް އީސީސީ ހިމެނޭ ސަރަޙައްދުން އައްޑޫ އިން ބޭރު ރަށްރަށުގެ މީހުންނަށް ދޫކުރެވިފައިވާ ގޯތިތަކާއި، ގޯތި ދޫކުރެވުނުއިރު ޢުމުރު ހަމަނުވާ ކުދިންނަށް ދޫކުރެވިފައިވާ ގޯތިތަކާއި، ނިޔާވެފައިވާ ފަރާތްތަކުގެ ނަމުގައި މަސައްކަތެއް ނުކޮށް ހުރި ގޯތިތަކުގެ ތެރެއިން މި އިޢުލާނާއި އެކުގައި މި ވާ ލިސްޓްގައިވާ ފަރާތްތަކަށް ދޫކުރެވިފައިވާ ގޯތިތައް ވަކިކުރުމަށެވެ. ވީމާ ކައުންސިލުން ނިންމަވާފައިވާ ގޮތުގެ މަތީން މިކަން ޢާއްމުކޮށް އިޢުލާން ކުރީމެވެ." ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ކައުންސިލުން އާންމު ކުރި ލިސްޓްގައިވާ ގޮތުން އައްޑޫ ނޫން މީސްމީހުންނަށާއި އުމުރު ހަމަ ނުވާ ކުދިންނަށް ދޫކޮށްފައިވާ ގޯތީގެ އަދަދަށް ބަލާ އިރު 69 ގޯއްޗެއް ދޫކޮށްފައިވެ އެވެ. އަދި ނިޔާވެފައިވާ ފަރާތްތަކުގެ ނަމުގައި މަސައްކަތެއް ނުކޮށް ހުރި ގޯތިތަކުގެ އަދަދު 14 އަށް އަރަ އެވެ.
ގޯތިތައް ދޫކޮށްފައިވާ މީސްމީހުންގެ ތެރޭގައި މާލޭގައި ރަޖިސްޓްރީވެފައިވާ މީހުންނާއި ހުވަދު އަތޮޅާއި ބ. އަތޮޅު އަދި ފުވައްމުލަކު މީހުން ވެސް ހިމެނެ އެވެ.
މި ލިސްޓް ކައުންސިލްގެ ވެބްސައިޓުން މިހާރު ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.
http://adducity.gov.mv/secretariat/announcements/214/2015-ea-15/