ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް އެއްވެސް ވެބްސައިޓެއް ބްލޮކްނުކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއް ވެސް އަދި ބްލޮކެއް ވެސް ނުކުރާނެ ކަމަށެވެ.
"ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރު ކުރާނެކަމުގެ ޔަގީންކަން އަރުވަން." އޭނަ ވިދާޅުވި އެވެ.
ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެ. ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވަން.
— Mohamed Shahyb (@MvSpokesperson) December 22, 2023
ސަރުކާރުން ރޭ ވަނީ ދެ ސައިޓެއް ބްލޮކްކޮށްފަ އެވެ. މިހާރުގެ ސަރުކާރަށް ފާޑުކިޔައި ލިޔުންތައް ގެނެސްދޭތީ ބްލޮކްކުރި އެ ދެ ސައިޓަކީ "ކުރުސީ.ކޮމް" އާއި "ދިޔަވަރު.ކޮމް" އެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރާ ދެކޮޅު ވެބްސައިޓުތައް ބްލޮކް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އަނިޔާވެރިކަން ނުފެތުރި މިހާރު އޮތް ހަމައެކަނި ސަބަބަކީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް މެޖޯރިޓީ ނެތުމުން ކަމަށެވެ.