ސަރުކާރަށް ފާޑުކިޔާ އޮންލައިން ނޫސްތައް ބްލޮކްކުރަން ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ބްލޮކްކުރި ތިން ވަނަ ސައިޓް "ފުރަތަމަ" އަށް ވަދެވޭ ގޮތް އަލުން ހަދައިފި އެވެ.
ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ މި ސައިޓް ބްލޮކްކުރީ އިިއްޔެ ވަގުތެއްގަ އެވެ. އަދި އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވުމުން އެ ސައިޓް ވަނީ އަލުން ވަނީ އިޔާދަކޮށް ދީފަ އެވެ.
ސަރުކާރަށް ފާޑުކިޔައި ލިޔުންތައް ގެނެސްދޭތީ އެންމެ ފުރަތަމަ ބްލޮކްކުރި އޮންލައިން ދެ ނޫހަކީ "ކުރުސީ.ކޮމް" އާއި "ދިޔަވަރު.ކޮމް" އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މި ސައިޓްތައް ބަންދުކުރީ ރަޖިސްޓްރީނުކޮށް ހިންގާތީ އެވެ. އަދި މިކަމާ ގުޅުވައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެފައި ވަނީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއް ވެސް އަދި ބްލޮކެއް ވެސް ނުކުރާނެ ކަމަށެވެ.
"ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރު ކުރާނެކަމުގެ ޔަގީންކަން އަރުވަން." އޭނަ ވިދާޅުވި އެވެ.
ނޫސް ސައިޓްތައް ބްލޮލްކުރަމުން ގެންދާގީ ރާއްޖޭގެ މިޑިއާ ތަމްސީލުކުރާ ފަރާތްތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އޭގެ ތެރޭގައި މޯލްޑިވް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ހިމެނެ އެވެ. އަދި ސިޔާސީ އެކި ފަރާތްތަކުން ވެސް ސަރުކާރުގެ މި އަމަލު ދަނީ ކުށްވެރިކަމުންނެވެ.
ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ރައްދުގައި ތަރުޖަނާމު ރޭ ރޭ ވިދާޅުވީ ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން ކަމަށާއި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރުން ފިޔަވަޅެއް ނާޅާނެ ކަމަށެވެ.
ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ އޮންލައިން ނޫސްތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ފުރަތަމަ ބްލޮކްކުރި ނޫހަކީ "އައްޑޫ ލައިވް:" އެވެ. މި ނޫސް ބްލޮކްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގަ އެވެ.