އާ ސަރުކާރުގެ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ މެނޭޖްމަންޓާ ބައްދަލުކުރައްވައިފި އެވެ.
ރޭ އޮތް އެ ބައްދަލުވުމާ ގުޅޭ ގޮތުން އޭއީއެޗުން ބުނީ އެ ހޮސްޕިޓަލަށް މި ވަގުތު ދިމާވެފައި ހުރި އެކި ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭ މައުލޫމާތު މިނިސްޓަރާ ހިއްސާކުރި ކަމަށެވެ. އެގޮތުން ހުރި މައްސަލަތައް ހައްލުކުރަން މަސައްކަތްކޮށް ދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި ކަމަށް އޭއީއެޗުން ބުންޏެވެ.
އޭއީއެޗަކީ އައްޑޫގައި 17 ވަނަ ސާކް ސަމިޓް ބާއްވަން 2010 ގައި ބިނާކުރި ކޮންވެންޝަން ސެންޓަރަށް ބަދަލުތަކެއް ގެނެސް ހޮސްޕިޓަލަކަށް ބަދަލުކުރި ތަނެކެވެ. އެގޮތުން ކުރިން ހިންގަމުން އައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލައި އެތަން ހިންގި އިމާރާތް ވެސް ދޫކޮށްލުމަށް ފަހު، ކޮންވެޝަން ސެންޓަރުގައި އޭއީއެޗް ހިންގަން ފެށީ 2020 ޖެނުއަރީ މަހުގެ މެދުތެރޭގަ އެވެ.
އޭގެ ފަހުން މިހާތަނަށް މި ހޮސްޕިޓަލަަށް ގިނަ ހިދުމްތަކެއް ތައާރަފުކޮށްފައިވެ އެވެ.
ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.
އޭއީއެޗަކީ އަތޮޅުތެރޭގެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލެވެ. އަދި އެންމެ ބޮޑު ހޮސްޕިޓަލް ވެސް މެ އެވެ. އޭއީއެޗަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ޖާގައިގެ ދަތިތަކެމެވެ. އެހެންވެ އެކަން ހައްލުކުރުމުގެ ގޮތުން ތިން ބުރީގެ އާ އިމާރާތެއް ހަދަން އޮތީ ނިންމައިފަ އެވެ. ސަރުކާރު ބަދަލުވި އިރު، އެ މަޝްރޫއު އޮތީ ޓެންޑަ މަރުހަލާގަ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޭއީއެޗްގެ ކަންކަން ވަރަށް ގާތުން އޭރުގެ ނައިބު ރައީސް ފައިސަލް ނަސީމު ބައްލަވަމުން ގެންދެވި އެވެ.
ހެލްތު މިނިސްޓަރު ހަލީލު އޭއީއެޗަށް ޒިޔާރަތްކުރެއްވީ މިނިސްޓަރުންނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން އަތޮޅުތެރޭގެ ރަށްރަށުގެ ހާލަތު ބެެއްލެވުމަށް ހަފުތާ ބަންދުގައި ފެށި ދަތުރުގެ ތެރެއިން އައްޑު އަށް ކުރެއްވި ދަތުރުގެ ތެރޭގަ އެވެ.