ގައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާށް އ.ދ ގެ ސަލާމަތީ މަޖިލީހުން ޤަރާރު ފާސްކުރިނަމަވެސް، ހަމަލާތައް ދެމުންދާހާ ހިނދަކު އެ އެހީތެރިކަން ފޯރުކޮށް ނުދޭވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އީއްޔެ އ.ދ ސަލަމާތީ މަޖިލީހުގައި ގައްޒާއަށް އިންސާނީ އެހީތެރިކަން ވެއްދުން އިތުރު ކުރުމަށް ޤަރާރެއް ފާސް ކުރުމާއި ގުޅުވައެވެ. އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މި ޤަރާރަކީ ރަނގަޅު އަތަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.
އެހެން ނަމަވެސް ހަމަލާތައް މެދުނުކެނޑި ކުރިއަށްގެންދާއިރު ރައްކާތެރިކަމާއި އެކު މި އެހީ ފޯރުކޮށް ނުދެވޭނެ ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު އަނިޔާވެރި ހަމަލާތައް ދެމުންދާކަން ފާހަގަ ކުރެއްވިއެވެ.
The UN Security Council resolution adopted yesterday, demanding increased humanitarian assistance to the people of Gaza, is a step in the right direction.
But let us be clear – aid cannot be safely delivered in the middle of airstrikes. The people of #Palestine continue to face…
— Dr Mohamed Muizzu (@MMuizzu) December 23, 2023
ރައީސް ވަނީ ރާއްޖެއިން ޤަބޫލުކުރަނީ ބައިނަލްއަޤްވާމީ މުޖްތަމަޢުއިން މި ޤަރާރުގެ މައްޗަށް ބިނާކޮށް އިތުރު ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ހަމަލާތައް ވަގުތުން ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ޤާއިމް ކުރުމުގެ ހައްޤު ކަށަވަރުކޮށްދޭން ޖެހޭކަންވެސް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ. ރައީސް ވަނީ މީގެ ކުރިންވެސް ފަލަސްތީނުގެ މައްސަލާގައި ވަރަށް ބޮޑަށް ވާހަކަ ދައްކަވާފައެވެ. އަދި ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއި އެކުގައި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.