ވޯކް ޕާމިޓްގައި ރާއްޖެ އަށް ބިދޭސީން އެތެރެވުމުގެ ކުރިން ހަދަން ޖެހޭ މެޑިކަލް ޓެސްޓްގައި ފައިލޭރިއާ އަށް ޓެސްޓްކުރަން ޖެހޭ ގޮތަށް ހަދަން މަޝްވަރާކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ހެލްތު މިނިސްޓްރީގެ ޑިރެކްޓ ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ. އަހުމަދު އަޝްރަފް ވިދާޅުވީ ވޯކް ޕާމިޓް މެޑިކަލް ހައްދާ އިރު މިހާރު ޓެސްޓް ހައްދަނީ ހަމައެކަނި ހެޕަޓައިޓިސް، އެޗްއައިވީ އަދި ކެއްސާބަލި ފަދަ ބަލިތަކަށް ކަމަށެވެ. ނަމަވެސް މިހާރު ރާއްޖޭގައި އުޅޭ ބިދޭސީންގެ ފަރާތުން ފައިލޭރިއާ ބަލި ފެންނާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ރާއްޖެ އަށް އިމްޕޯޓުވާ ބަލީގެ ކޭސްތައް ދެނެގަތުމަށްޓަކައި އޮތް އެންމެ ރަނގަޅު ހައްލަކީ ވޯކް ޕާމިޓް މެޑިކަލްގައި ފައިލޭރިއާ ފަދަ ބަލިތަކަށް ސްކްރީނިން ހެއްދޭނެ ނިޒާމެއް ވެސް އޮތުން ކަމަށެވެ.
"މިހާރު އަޅުގަނޑުމެން މަޝްވަރާ ކުރަމުން މި ގެންދަނީ މިގޮތަށް ވޯކް ޕާމިޓް މެޑިކަލްގައި މި ހިމެނުން މި ކިހާ މުހިންމު ކަމެއްތޯ އާއި އަޅުގަނޑުމެން އިމްޕޯޓުވާ ކޭސްތައް ދެނެގަތުމަށްޓަކައި ވޯކް ޕާމިޓް މެކޭނިޒަމްގެ ތެރެއިން އައިޑެންޓިފައި ކުރެވޭނެ ގޮތް ހޯދުން،" އަޝްރަފު ވިދާޅުވި އެވެ. "އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން މި ގެންދަނީ. އަދި އޭގަ އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑުމެން ރާއްޖެއަށް އިމްޕޯޓުވާ މި ކޭސްތައް ދެނެގަތުމަށްޓަކައި އަޅުގަނޑުމެންގެ ވޯކް ޕާމިޓް މެޑިކަލްގައި ކޮން އުސޫލުތަކެއް ކޮން ގޮތަކަށް ހަމަޖައްސައިގެންތޯ ކުރިއަށް ދާނީ ބެލުން."
އިއްޔެ ހުޅުމާލެ އން ފެނުނު ފައިލޭރިއާ ކޭހާ އެކީ ރާއްޖެ އިން ފެނުނު ކޭސްތަކުގެ އަދަދު މިހާރު ވަނީ 26 އަށް އަރައިފަ އެވެ. މި ބަލީގެ މީހުންތަކެއް ފުރަތަމަ ފެނުނީ މި މަހުގެ ކުރީކޮޅު ކުޅުދުއްފުށިންނެވެ. ފައިލޭރިއާ ބަލީގެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އަދި އެއީ އިންޑިއާ އާއި ބަންގްލަދޭޝް މީހުންނެވެ. ރާއްޖެ އިން ފެނުނު ފައިލޭރިއާ ބަލީގެ މީހުންނަކީ އިންޑިއާގެ ބިހާރާއި އުއްތަރު ޕްރަދޭޝް އާއި ގޯޕާލްގަންޖާއި ޓެމިލްނާޑޫގެ އިތުރުން ބަންގްލަދޭޝްގެ ކުމިލާ ކިޔާ ސަރަހައްދަށް ނިސްބަތްވާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުންޏެވެ.
ފައިލޭރިއާ އަކީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައިން ނައްތާލެވިފައި އޮތް ބައްޔެކެވެ.
ނަމަވެސް ރާއްޖޭގައި ބިދޭސީންގެ ފަރާތުން މި ބަލި ފެންމުންދާތީ ސްކްރީން ޕްރޮގްރާމްތަކެއް އެޗްޕީއޭ އިން ވަނީ ފަށައިފަ އެވެ. އެގޮތުން ހުޅުމާލެ އިން ކޭހެއް ފެނުމާ ގުޅިގެން އެތަނާއި ވިލިމާލެ އާއި ތިލަފުށީގައި ވެސް ސްކްރީނިން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
އެޗްޕީއޭ އިން ބުނީ ސްކްރީން ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 452 މީހަކު ޓެސްޓްކޮށްފައިވާ ކަމަށެވެ. ރާއްޖެ އަކީ ބިދޭސީ މަސައްކަތްތެރިންގެ ބޮޑު އާބާދީއެއް އޮތް ގައުމެކެވެ.
ފައިލޭރިއާ ޖެހެނީ، ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިންނެވެ.