އައްޑޫ ކުނިކޮށި މެނެޖް ކުރަން ހަވާލުކޮށްފައިވާ ސަދަން މޯލްޑިވްސް ކޮންޓްރެކްޓިން އެންޑް ޓްރޭޑިންގެ މުއްދަތު ހަމަވާތީ، ކުނިކޮށި މެނޭޖް ކުރާނެ ފަރާތެއް ހޯދަން އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.
ސަދަން މޯލްޑިވްސްގެ އެގްރިމަންޓް ހަމަވާނީ އެޕްރީލް 10، 2015 ގަ އެވެ.
ކައުންސިލުން ބުނީ ލިންކް ރޯޑް ރުއްޖެހެރަ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކުނިކޮށި މެނެޖް ކުރަން ޝައިގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
ކުނިކޮށި މެނެޖް ކުރާނެ ބަޔަކު ހޯދަން ބީލަމަށްލި އިރު، އައްޑޫގެ ކުންޏާ ބެހޭ ޕްލޭން ވެސް ދާދި ފަހުން ކައުންސިލުން ވަނީ އާންމުކޮށްފަ އެވެ. މި ޕްލޭނަކީ 2018 ވަނަ އަހަރާ ހަމައަށް އެކުލަވާލައިފައިވާ ޕްލޭނެކެވެ.
މި ލިންކަށް http://adducity.gov.mv/secretariat/read/news/106/waste-mgt-plan-1418/ ވަދެގެން ޕްލޭން ބަލާލެވޭނެ އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 7772969 އަށް ގުޅައިގެން ވެސް ހޯދޭނެ އެވެ.
ކައުންސިލުން ބުނީ ކުނިކޮށި މެނެޖް ކުރަން އަލަށް ބަޔަކާ ހަވާލު ކުރާ އިރު، އެއީ މަސައްކަތުގެ ތަޖުރިބާ އާއި އެކަން ކުރުމުގެ ގާބިލްކަން ހުރި ފަރާތަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ބަޔަކު ހޮވާނީ، ކައުންސިލުން މާކްސް ދޭން ކަނޑައަޅާފައިވާ އުސޫލްގެ ދަށުން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މިހާރު ކުނިކޮށި މެނެޖް ކުރަމުން އަންނަ ފަރާތުގެ މުއްދަތި ހަމަވާ އިރު، އެ ފަރާތަށް އެކަން އެކަށީގެންވާ ގޮތަކަށް ނުކުރެވޭކަން ފާހަގަ ކުރެވެ އެވެ. ހާއްސަކޮށް ކުނިކޮއްޓަށް ޖަމާ ކުރިޔަސް، ނައްތާލެވޭނެ ގޮތެއް ހަމަޖެހިފައެއް ނުވެ އެވެ.
އެހެންވެ ދޭތެރެ ދޭތެރެއިން ކުނިކޮށީގެ ރޯވެ، ދުން އަރާ މައްސަލައަކީ ސީރިއަސްވެފައި އޮތް މައްސަލައެކެވެ.