Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ކޮވިޑްގެ އާ ވޭރިއަންޓް ފެތުރޭތީ ސަމާލުވާން އަންގައިފި

ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ - ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް19ގެ އާ ވޭރިއެންޓް (ޖޭއެން-1) ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ މި ފެށުނު ހަފްތާއަކީ ސުކޫލް / ކޮލެޖް / ޔުނިވާސިޓީތަކަށް ޗުއްޓީ ފެށޭ ހަފްތާ ކަމުން ގިނަ ބަޔަކު ރާއްޖެއިން ބޭރާއި އަތޮޅުތަކަށް ދަތުރުކުރާނެތީ އެހެން އަހަރުތަކެކޭ އެއްގޮތަށް އަރިދަފުސް ރޯގާ އާއި ވައިރަލް ހުން އަދި ނޭވާލާ ނިޒާމަށް ޖެހޭ ގައިގަޔަށް އަރާ ބަލިތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"މި ހިނގާ ޑިސެންބަރު މަހު ކޮވިޑް19ގޭ އާ ވޭރިއެންޓް (ޖޭއެން-1) ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެނި ކޮވިޑް-19 ފެތުރުން އިތުރުވެފައިވެ" ބަޔާނުގައިވެ އެވެ.

އެޗްޕީއޭ އިން ވަނީ ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އިރުޝާދު ދީފަ އެވެ. އެގޮތުން ކެއްސާއި ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ކުޑަރުމާލަކުން ނުވަތަ ޓިޝޫއަކުން ނިވާކުރުމަށާއި، ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރިކަމާއެކު ކުނިވަށިގަނޑެއް ފަދަ އެއްޗަކަށް އެއްލާލުމާއި، ސައިބޯނި ލައިގެން އަތްދޮވުމަށް ސަމާލުކަން ދިނުމަށާއި، ރޯގާޖެހި ކެއްސާނަމަ އަނގަޔާއި ނޭފަތް ފޮރުވޭ ގޮތަށް މާސްކް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެއިތުރުން ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށާއި، އެއްވެސް ބައްޔެއްގެ އަލާމާތެއް ހުރެއްޖެނަމަ ކުޑަކުދިން ކައިރިއަށް ނުދިޔުމާއި އެކުދިން އުރާ ނުހެދުމަށާއި ރޯގާޖެހި ހުންއައިސް ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވަނީ އެދިފަ އެވެ.

އެޗްޕީއޭއިން ވަނީ މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މަދިރި ހެފުމުން ރައްކާތެރިވުމަށާއި މަދިރި އުފެދި އާލާވާ ގޮތަށް އެއްޗެއްސާއި ތަންތަން ނުބެހެއްޓުމަށް ސަމާލުކަން ދިނުމަށްވެސް އެދިފަ އެވެ.