ސޮނެވާފުށީ ރިސޯޓުގެ މުވައްޒަފުންގެ މެދުގައި ބޭއްވި "ސޮނެވާ އައިޑޮލް" ޝޯގައި، އެންމެ މޮޅު ލަވަ ކިޔުންތެރިއަކަށް ހުޅުދޫ ޒުވާނެއް ކަމަށްވާ އިބްރާހިމް އާލިފް މުހައްމަދު ހޮވިއްޖެ އެވެ.
"ސޮނެވާ އައިޑޮލް" ގެ ގްރޭންޑް ފިނާލޭގައި މި މަހު އެ ރިސޯޓްގެ ވަޒީފާ އާ ގުޅުނު އާލިފް އެ މަގާމު ކާމިޔާބުކޮށްފައި ވަނީ އަބްދުﷲ މާލިކައި ހަސަން މައުޝޫގު އަދި ބޭރުގެ މުވައްޒަރެއް ކަމަށްވާ ރޮހޮނާ ރެއުޕިޓާ އާ ވާދަކޮށްގެންނެވެ.
ސޮނެވާފުށީ ރިސޯޓް މުވައްޒަފުންގެ ރެކްރިއޭޝަނުން ކުރިއަށް ގެންދިޔަ ޝޯގައި އެއް ވަނަ އަށް ޖަޖުން އާލިފު ހޮވާފައިވާ އިރު ދެ ވަނަ އަށް ހޮވާފައި އަބްދުﷲ މާލިކު އަދި ތިންވަނަ އަށް ހޮވުނީ ހަސަން މައުޝޫގެވެ.
ރޭ ބޭއްވި ގްރޭންޑް ފިނާލޭ ޖަޖުކޮށްދީފައި ވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި އޭނާގެ އަންހެނުން މަރިޔަމް އަޝްފާ އެވެ.
އާލިފް ބުނީ "ޝޯ އަށްް މާ ބޮޑު މަސައްކަތެއް ނުކުރެވޭ" ކަމަށާއި "ޕްރެކްޓިސް ކުރަން ވެސް ލިބުނީ ދެ ރޭ" ކަމަށެވެ.
އޭނާ ބުނީ އެ ރިސޯޓްގައި ލަވަކިޔަން ވަރަށް ހުނަރުވެރި ކުދިން އެބަ ތިބި ކަމަށެވެ.
އެހެންވެ އެންމެ ޖެހުލުންވީ ފައިނަލްގައި ތިން ވަނަ އަށް ދިޔަ މައުޝޫގާ ވާދަކުރަން ޖެހުމުން ކަމަށް އާލިފް ބުންޏެވެ.
"ސޮނެވާ އައިޑޮލް" ގެ އެއް ވަނަ މަގާމް ހާސިލް ކުރުމުން އާލިފަށް ވަނީ އެ ރިސޯޓުން 500 ޑޮލަރުގެ އިތުރުން ކޮލަމްބޯ ރިޓާން ޓިކެޓް ވެސް ދީފަ އެވެ.
ދެވަނަ އަށް ދިޔަ ފަރާތަށް ފޯން ޓެބް/ޓެބްލެޓް އެއް ދިން އިރު ތިންވަނައަށް ދިޔަ ފަރާތަށްވަނީ ބްލޫޓޫތު ސްޕީކަރު ސިސްޓްމެއް ދީފަ އެވެ.
"ސޮނެވާ އައިޑޮލް" އަންނަ އަހަރު ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.