ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ހުއްޓާ ނުލާ ކަމަށާއި މިމަހު އެކަނިވެސް 6 ނޫހެއް ރެޖިސްޓަރ ކޮށްދީފައިވާ ކަމަށް އިންފޮމޭޝަން މިނިސްޓަރ އިބްރާޙިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.
އިންފޮމޭޝަން މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ ނޫސް ރެޖިސްޓްރީ ކޮށްދިނުން ހުއްޓާލާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން މިނިސްޓަރ ވަނީ މިމަހު އެކަނިވެސް 6 ނޫހެއް ރެޖިސްޓަރ ކޮށްދީފައިވާ ކަމަށާއި އަދި ބާކީ މިހާރު ނުކުރެވި އޮތީ 2 ނޫހެއް ކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރުން ނޫސްތައް ރެޖިސްޓަރ ކޮށް ނުދޭ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ވަނީ ހަބަރު ފެތުރިފައެވެ. އެގޮތުން އެ ޙަބަރުތަކުގައި ނޫސްތައް ރެޖިސްޓްރީ ކޮށްދިނުމަށް އޭޖީ އޮފީހުން ހުއްދަ ބޭނުންވާ ކަމަށާއި އެކަމަށް ފޯމު ނެތް ކަމަށް ވަނީ ޖަހާފައެވެ. ނަމަވެސް މިކަން މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ. އަދި ރެޖިސްޓްރޭޝަން މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާކަމަށް ވަނީ ފާހަގަކޮށްފައެވެ.
މައުލޫމާތުގެ ކުށެއް ރަނގަޅުކޮށްލާނަން. ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުން ކުރިއަށް އެބަދޭ. މިމަހު ހަ ނޫސް ރަޖިސްޓްރީކޮށްދީފިން. ޕެންޑިންގގަ އިނީ 2 ނޫސް.
މިއަދުވެސް އަޅުގަނޑުމެން 'މާދަމާ' ނަމަކަށް ކިޔާ ނޫހެއް ރަޖިސްޓްރީކޮށްދިނިން. pic.twitter.com/d862MV9njR— Asward I. Waheed (@AswardWaheed) December 24, 2023
މީގެ ކުރިން ނޫސް މަޖައްލާގެ ރެޖިސްޓްރީ ބަލަހައްޓަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިންނެވެ. ނަމަވެސް މި ސަރުކާރާއި ހަވާލުވުމަށްފަހު އެ މެންޑޭޓު ހޯމް މިނިސްޓްރީގެ ދަށުން ޔޫތު މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ.
ދާދި ފަހުން ސަރުކާރުން ވަނީ ރެޖިސްޓްރީ ނުކޮށް ސަރުކާރާއި ދެކޮޅަށް ޙަބަރު ފެތުރި ދެ ނޫސް ވެބްސައިޓަކަށް ނުވަދެވޭ ގޮތަށް ހަދާފައެވެ. މިކަމުގައި ސަރުކާރުން ސީދާ ޖަވާބެއް ނުދިން ކަމުގައި ވިއަސް ސަރުކާރުގެ ތަރުޖަމާން މުހައްމަދު ޝަހީބު ވަނީ ނޫސް ވެބްސައިޓު ހިންގަންވާނީ ރެޖިސްޓްރީކޮށްގެން ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުން މިގޮތަށް ބުނި ނަމަވެސް، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގައި ރެޖިސްޓްރީ ނުކުރާ ވެބްސައިޓުތައްވެސް މީޑިއާ ގޮތުގައި ވަނީ ބަލައިގެންފައެވެ.