މަސްދޯނި ފަހަރުގެ ފަޅުވެރިންނަށް ހާއްސަކޮށްގެން ރެސްކިއު ޑައިވިން ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ވަޒީރުގެ މަޖިލީހުގެ ބައްދަލުވުމުގައި މަސްދޯނިފަހަރަށް އަމާޒުކޮށް ޑައިވިންގ ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ފާސްކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މިއީ ވައިފުޅިއަޅައިގެން ފީނައިގެން އެންދަމާ މަސްދޯނިފަހަރުގައި ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީން ލިބިފައިވާ މަދުވެގެން އެއްފަޅުވެރިޔަކު ބެހެއްޓުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ވައިފުޅިއަޅައިގެން ފީނައިގެން އެންދަމާ މަސްދޯނިފަހަރުގައި ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީން ލިބިފައިވާ މަދުވެގެން އެއްފަޅުވެރިޔަކު ބެހެއްޓުމަށްޓަކައި މަސްދޯނިފަހަރަށް އަމާޒުކޮށް ޑައިވިންގ ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކޮށްފި. pic.twitter.com/LmPgxOayDi
— Ministry of Fisheries and Ocean Resources (@MFORmv) December 24, 2023
މަސްވެރި ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވެރެއް ބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ. މި ވަޢުދު ފުއްދުމަށް އެ މަނިކުފާނުގެ ހަފްތާ-14 ނުވަތަ ފުރަތަމަ 100 ދުވަހު ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑި ތަކުގެ ތެރޭގައި މިފަދަ ޕްރްގްރާމެއް ހިންގުމުގެ ފުރުސަތު ފަހިކޮށްދިނުން ވަނީ ހިމަނާފައެވެ. މިއީ 9 ހަފްތާގެ ތެރޭގައި ހާސިލް ކުރުމަށް ހިމަނާފައިވާ މަސައްކަތެކެވެ.
ރާއްޖޭގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަޑިއަށް ފީނައިގެން އެން ހޯދުމުގެ މަސައްކަތް ކުރެއެވެ. މިފަދަ މަސައްކަތް ކުރާއިރު އެކަށީގެންވާ ތަމްރީނު ލިބިފައި ނެތުމާއެކު އަދި ހިތާމަވެރި ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ. އަދި މިގޮތަށް ފީނާ ބައެއް ފަރާތްތަކުން ޑީކޯވެގެން ސިއްޙީ ފަރުވާދޭން ޖެހިފައި ވެއެވެ.