ރާއްޖެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ޖުމްލަ ހައްލެއް ގެންނާނެކަމުގެ ވައުދާ އެކީ މިހާރުގެ ސަރުކާރުން ފުށިޑިދިއްގަރުފަޅު ހިއްކައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ރަސްމާލެ މަޝްރޫއަކީ ސީދާ ކޮރަޕްޝަން ކަމަށް ކުރީގެ ނައޖބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅިގެން ޕީޕަލްސް ނެޝަނަލް ޕްރޮންޓް ޕީއެންއެފް) ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވާ ގެންދަވާ ޖަމީލު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ފުށިދިއްގަރު ފަޅުން މޮޅު ޖާދޫއެއް އުފަންވެ، ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލެއް ނުވާ ކަމަށެވެ.
"މިއީ ދެބަސްވެވެން ނެތް ޑު ކޮރަޕްޝަނެއް. މިއީ ހުޅުމާލޭގެ ބިން ބަޔަކަށް ދިނުމަށް ރޭވި ރޭވުމެއް،" އޭނަ ވިދާޅުވި އެވެ. "މިއީ ގޮތް ނޭނގޭ އެތަކެއް ކަމެއް ހިމެނޭ ކަމެއް. މިއީ ދެކޮޅުނު ޖެހޭ މަޝްރޫއެއް. ގުޅާލެވޭނެ ގޮތެއް ނެތް ތަނެއް."
ޖަމީލު ވިދާޅުވީ ހުޅުމާލެ ހިމެނޭ ގޮތަށް މާލޭ ސަރަހައްދުން 70 ހެކްޓަރުގެ ބިން ބޭރު ބަޔަކަށް ދިނުމަށް ފަހު މާ ދުރުގައި އޮތް ފަޅެއް ހިއްކުމުން އެއީ ހިލޭ ވީކަމެއް ނޫން ކަމަށެވެ.
ކޮންމެ ރައީސަކުވެސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް މަސައްކަތްކޮށްދެއްވި. ރައީސް މައުމޫނު ފެއްޓެވި މަސައްކަތް އިތުރަށް ރ. ނަޝީދު ކުރިއަށް ގެންދެވި.
ރ. ޔާމީނު ވެގެންދިޔައީ މުޅިން އެހެން ހަރުފަތަކަށް ބޯހިޔާވަހިކަން ގެންދެވި ރައީސަކަށް. ހުޅުމާލެ ފޭސް2… pic.twitter.com/U3c0alTR0v
— Mohamed Jameel Ahmed (@MJameelAhmed) December 24, 2023
"ދެވަނަ ކަމަކަށް އެއީ މާލޭގެ އަގު ބޮޑު ބިން ދިނުމަށް ފަހު ކުރަން ހެޔޮވާވަރުގެ ކަމެއްތޯ؟" އޭނަ ވިދާޅުވި އެވެ. "ގިރާވަރާއި ގުޅީފަޅު މިއީ ބްރިޖުން ގުޅާލެވޭނެ، ތަރައްގީ ކަށަވަރު ކުރެވޭނެ ތަންތަން."
ޖަމީލު ވިދާޅުވީ ރާއްޖޭގެ އެންމެ އަގު ބޮޑު ބިމަކީ މާލެ އަދި ހުޅުމާލޭގެ ބިން ކަމަށެވެެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް ބޯހިޔާވަހިކަމަށް ބުރަ މަސައްކަތް ކުރި ކަމަށެވެ.
"ރައީސް މުއިއްޒު ވެސް މިވަނީ ބޯހިޔާވަހިކަމަށް އިސްކަމެއް ދީފައި. މި ހުރިހާ ރައީސުންނަށް ޙައްގު ޝުކުރު،" އޭނަ ވިދާޅުވި އެވެ. ކޮންމެ ރައީސަކު ވެސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް މަސައްކަތްކޮށް ދެއްވި. ރައީސް މައުމޫނު އަބްދުލް ގައްޔޫމް ފެއްޓެވި މަސައްކަތް އިތުރަށް ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދެވި. ރައީސް ޔާމީނު ވެގެން ދިޔައީ މުޅިން އެހެން ހަރުފަތަކަށް ބޯހިޔާވަހިކަން ގެންދެވި ރައީސަކަށް. ހުޅުމާލެ ފޭސް ދޭއް ހިއްކައި އެތަކެއް ޓަވަރެއް އަޅައި ނިންމެވި އިރު ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް އެކަން ކުރެއްވި."
މި ސަރުކާރުން ރަސްމާލެ ތަރައްގީކުރަން ބިން ހިއްކަން ފެށީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ.
ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން އިއްޔެއާ ހަމައަށް 10 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.
ފުށިދިއްގަރުފަޅު މަޝްރޫ އަށް ދައުލަތުން އަދި އާބަންކޯ އިން ވެސް އެއްވެސް ފައިސާއެއް ހަރަދު ނުކުރާއިރު މި މަޝްރޫއުގެ އަގު އަދާކުރަން ހަމަޖެހިފައި ވަނީ ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރުފަޅުން ހިއްކާ ބިމުން 60 ހެކްޓަރުގެ ބިން ސީއެމްސީސީ އަށް ދީގެންނެވެ. އެ ބިންތައް ދޫކޮށްފައިވަނީ 99 އަހަރުގެ މުއްދަތަކަށެވެ.
މި މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެއީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާ ވަރުގެ ތިންގުނަ ބޮޑު ސަރަހައްދެކެވެ.
ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވެ އެވެ. ފުށިދިއްގަރުފަޅުގައި ތަރައްގީކުރާ ރަސްމާލެ ޒީރޯ-ކާބަން ސިޓީއަކަށް ހެދުމަކީ އަމާޒެއް ކަމަށާއި އެ ސިޓީގެ ހުރިހާ ކަމެއް ކުރާނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.