ރައްޔިތުން ބާރުވެރިކޮށް އެ މީހުންގެ ބައިވެރިވުމާއެކު ޤައުމުގެ މިސްރާބު ބައްޓަންކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫހަށް ތަބާވުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފި އެވެ.
މޮންޓަނޭގްރޯގެ ތިން ވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ވާހަކަ ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ޑިމޮކްރެޓިކް މޮންޓެނޭގްރޯ އަކީ އުމުރުން ހަގު ޕާޓީއެއް ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި އެ ޕާޓީން ގިނަ ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ކަމަށެވެ. އަދި ޑިމޮކްރަސީ ކުރިއަރުވައި ޑިމޮކްރަސީގެ ރޫޙު އާލާކުރުމަށް އެ ޕާޓީގެ ލީޑަޝިޕުން ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފު ކުރެއްވި އެވެ.
ނައިބު ރައީސް ވިދާޅުވީ ޑިމޮކްރަސީ އަކީ މުޖުތަމަޢެއްގެ ދުޅަހެޔޮކަން ކަށަވަރުކޮށްދޭ މައިބަދަ ކަމަށާއި ޑިމޮކްރަސީއާ ނުލައި މުޖުތަމަޢުގައި އިންސާފާއި ހަމަހަމަކަމާއި އުފާ ފާގަތިކަން ނޯންނާނެކަން ކަމަށެވެ.
އެގޮތުން ރާއްޖެ އަކީ އަދި ވަރަށް ހަގު ޑިމޮކްރަސީއެއް ކަމަށާއި ގިނަ ޕާޓީތަކުގެ މައްޗަށް އެކުލެވޭ އިންތިޚާބެއް ރާއްޖޭގައި ފުރަތަމަ ބޭއްވީ 2008 ގައި ކަމަށް ވިދާޅުވި ނަމަވެސް ރާއްޖެ އާއި މޮންޓަނޭގްރޯ އަކީ އެއް ގައުމުން އަނެއް ގައުމުގެ ޑިމޮކްރަސީގެ ތަޖުރިބާތައް ހިއްސާކުރެވިދާނެ ދެ ގައުމު ކަމަށް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކޮށް ޤައުމު ކުރިޔަށް ގޮސްދިނުމަށް ރައްޔިތުން އެމަނިކުފާނާ މަތިކުރައްވާފައިވާ ޒިންމާ އާއި އެކީގައި ކަމަށާއި ސަރުކާރު އޮތީ ރެޔާއި ދުވާލު ހުއްޓުމެއް ނެތި، ރައްޔިތުންނަށް ވެފައިވާ އެ ވަޢުދުތައް ފުއްދައިދެއްވުމުގެ މަސައްކަތްކުރުމަށް ތައްޔާރަށް ކަމަށެވެ.