މެޑިކަލް ސްކްރީނިން ދެން ހަދަން ޖެހޭނެ ކަމަށާއި އެ ނޫން ގޮތަކަށް ބިދޭސީ މަސައްކަތްތެރިންގެ ވިސާ އާ ނުކޮށް ދޭން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސް ކޮންފަރެންސްގައި މިކަމާ ގުޅޭ ގޮތުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އެކި ބޭނުންތަކަށް ގިނަ ދުވަހު އަންނަ ހުރިހާ ބިދޭސީން އޮން-އެރައިވަލް އަދި އަހަރަކު އެއް ފަހަރު މެޑިކަލް ޗެކަޕް ހަދަން މީގެ ފަހުން ޖެހޭނެ ކަމަށެވެ.
ކުރީގެ ހެލްތު މިނިސްޓަރު ވިދާޅުވީ ރާއްޖެ އައުމަށް ފަހު މެޑިކަލް ޗެކަޕް ހަދަން ދީފައިވާ މަސް ދުވަހުގެ މުއްދަތު ވެސް، 15 ދުވަހަށް ކުރު ކުރަން ނިންމާފައިވާ ކަމަށާއި ރާއްޖޭގައި މި ވަގުތު ތިބި ބިދޭސީން ވެސް، މެޑިކަލް ނުހަދާތާ އެއް އަހަރުވެފައިވާ ނަމަ، އެ ޓެސްޓު ފުރިހަމަކުރަން ހަ މަސް ދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވާ ކަމަށެވެ.
މި ގެނައި ބަދަލާ އެކީ އަންނަ މަހުން ފެށިގެން ރާއްޖެ އަންނަ ބިދޭސީން މެޑިކަލް ރިޕޯޓު ހުށަހަޅައި އަދި އެ މުއްދަތުގެ ފަހުން ވިސާ އާ ކުރާއިރު މެޑިކަލް ރިޕޯޓު ހުށަހަޅަން ޖެހޭނެ އެވެ. މިއީ އިމިގްރޭޝަނުން އަމަލުކުރަން ބޭނުންވާ ގޮތްކަން ދާދި ފަހުން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމާން ވެސް ވިދާޅުވެފައިވެ އެވެ.
މިގޮތަށް ނިންމާފައި މި ވަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ފަރާތުން ތަފާތު އެކި ބަލިތައް ވެސް ފެނުން އިތުރުވެފައިވާތީ އެވެ. އޭގެ ތެރޭގައި ރާއްޖެ އިން ނައްތާލާފައިވާ ބަލިތައް ވެސް ހިމެނެ އެވެ. އެގޮތުން މިހާރު ފައިލޭރިއާ ޖެހިފައިވާ 32 ބިދޭސީއަކު ރާއްޖެ އިން ފެނިފައިވެ އެވެ.