ރަށު ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިނުގަތުމަށް ކަރެކްޝަންސް އިން ތަކުރާރުކޮށް އަންގާފައި ވަނިކޮށް އަނެއްކާ ރޭ ވެސް ކެމްޕޭން އިވެންޓެއްގައި ބައިވެރިވެވަޑައިގެންފި އެވެ.
އެގޮތުން ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތްކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން އެ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ބައިވެރިވަޑައިގަތެވެ. ޖަލްސާގައި ޔާމީން އިންނެވީ ވެސް އެންމެ ކުރީ ސަފުގަ އެވެ. އެކަމަކު ޖަލްސާގައި ވާހަކައެއް ނުދައްކަވަ އެވެ. ނަމަވެސް ޕީއެންއެފާ ގުޅުނު ބައެއްގެ ފޯމްތަކާ އެ މަނިކުފާނު ހަވާލުވެވަޑައިގެންނެވި އެވެ.
ރޭގެ މި ޖަލްސާ ޗެނެލް 13 އިން ލައިވް ވެސް ކުރި އެވެ.
ޔާމީން ޖަލުން ގޭބަންދަށް ބަދަލުކުރީ މިދިޔަ މަހުގެ 30 ގަ އެވެ. އެއީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން، އޭރު ސަރުކާރުގައި އެކަމަށް އެދިވަޑައިގަތުމުންނެވެ. އޭގެ ފަހުން އެ މަނިކުފާނުގެ ގޭބަންދު، ރަށުބަންދަށް މުއިއްޒުގެ ސަރުކާރުން ބަދަލުކުރި އެވެ.
އޭގެ ފަހުން ސިޔާސީ އެކި ހަރަކާތްތަކުގައި ޔާމީން ބައިވެރިވެވަޑައިގަންނަވާތީ ކަރެކްޝަންސް އިންޒާރު ދީފައިވެ އެވެ.
ޔާމިން ގެންދަވަނީ މިދޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން 11 އަހަރުގެ ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އެއީ ވ. އާރަށުގެ މުއާމަލާތުގައި ހިންގި މަނީލޯންޑްރިން އާއި ކޮރަޕްޝަންގެ ކުށް ސާބިތުވެގެންނެވެ.
ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވަން މަސައްކަޔްކ7ރައްވާ އިރު، އެކަމުގައި އިިސްކޮޕށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެފައި ވަނީ ޕީއެންއެފް ރަޖިސްޓްރީކުރަން އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅާނީ ޔާމީން މިނިވަންކުރުމުން ކަމަށެވެ.