ރާއްޖެ އިން ފައިލޭރިއާ ބަލި ފެނުނު ނަމަވެސް ރައްޔިތުން ކަންބޮޑުވާން ނުޖެހޭ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް 32 ކޭސް ވަނީ ފެނިފަ އެވެ. އޭގެތެރޭގައި ހިމެނެނީ ހދ. ކުޅުދުއްފުށިން ފެނުނު 25 ޕޮޒިޓިވް ކޭސް އާއި މާލެ ސަރަހައްދުން ފެނުނު ހަތް ކޭސް އެވެ. މި އެންމެންނަކީ ވެސް ބިދޭސީންނެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ހަލީލު ވިދާޅުވީ ފައިލޭރިއާ ފެތުރެމުންދާ ދިޔުމާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުން އެބައޮތް ކަމަށާއި ނަމަވެސް ރައްޔިތުން އެކަމާ އެއްގޮތަކަށް ވެސް ކަންބޮޑުނުވުމަށް އެދޭ ކަމަށެވެ. ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މި ބަލި އެންމެ ބޮޑަށް ފެތުރިފައި އޮތް ހދ. ކުޅުދުއްފުށިން 155 ދިވެހިން ބައްޔަށް ޓެސްޓު ކުރިއިރު އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށް ހަލީލު ވިދާޅުވި އެވެ.
"އޭގެއިން އަޅުގަނޑުމެންނަށް ދައްކުވައިދެނީ މި ބައްޔަކީ ރާއްޖެ އަށް އިމްޕޯޓު ވެފައި ހުރި ބަލިތަކެއްކަން. ރާއްޖޭގައި ފެރުތޭ ބައްޔެއް ނޫން،" ހަލީލު ވިދާޅުވި އެވެ.
ފައިލޭރިއާ އަކީ އެހާ ފަސޭހައިން އެކަކު އަނެކަކު ގަޔަށް ފެތުރޭ ބައްޔެއް ނޫން ކަމަށާއި ބަލި ކޮންޓްރޯލް ކުރެވޭނެ ވަސީލަތްތައް މިހާރުވެސް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖޭގައި މި ބައްޔަށް ދޭންޖެހޭ ބޭސް އެބަހުރި ކަމަށާއި އަދި ޓެސްޓު ކުރެވޭނެ ކިޓު ވެސް އެބަހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ އިތުރު ސާމާނު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފަ އެވެ.
ފައިލޭރިއާ އަށް މިހާތަނަށް 683 މީހަކު ވަނީ ޓެސްޓުކޮށްފަ އެވެ. އޭގެތެރެއިން 651 މީހެއްގެ ޓެސްޓުތަކުގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. ފައިލޭރިއާގެ ކޭސްތަކެއް ފުރަތަމަ ފެނުނީ މި މަހުގެ ކުރީކޮޅު ކުޅުދުއްފުށިންނެވެ.
ފައިލޭރިއާގެ ކޭސްތަކެއް ރާއްޖެ އިން ފެނިގެން އެކަމާ ގުޅިގެން ފިޔަވަޅުތަކެއް އަޅަމުން އަންނަ އިރު، މިއީ ރާއްޖެ އިން ނައްތާލެވިފައި އޮތް ބައްޔެކެވެ.