އައްޑޫ މަގު ހެދުމުގެ މަޝްރޫޢުއާއި ގުޅޭ ކަންބޮޑުވުންތައް ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އިންފްރާސްޓަރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ކޮލިޓީއާއި މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް އަދި ނޫހެއްގައި އެ މަޝްރޫޢުގެ މަސައްކަތަށް ނަގާފައިވާ މެނޭޖަރ ޝަރުތު ހަމަނުވާ ކަމަށް ޖަހާފައިވާ ޙަބަރަކާއި ގުޅިގެން ސުވާލު ކުރުމުންނެވެ. އެ ނޫހުން ވަނީ އެ މަޝްރޫޢުއަށް ނަގާފައިވާ ޕްރޮޖެކްޓް މެނޭޖަރ އަކީ ޝަރުތު ހަމަވާ މީހެއް ނޫންނަމަވެސް ޕްރޮޖެކްޓް ކޮންސަލްޓެންޓަށް ފައިސާ ދީގެން ނަގާފައިވާ މީހެއް ކަމަށް ތުހުމަތު ކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން އައްޑޫލައިވް އާއި ވާހަކަ ދައްކަވަމުން މިނިސްޓަރ ޑރ. މުއްތަލިބު ވިދާޅުވީ، އެ މަޝްރޫޢު ޕްރޮޖެކްޓް މެނޭޖަރަކީ ކޮންސަލްޓެންޓް އެލްއެންޓީ އިން ހުއްދަ ލިބިފައިވާ މީހެއް ކަމަށް ފާހަގަކޮށްފައެވެ. އަދި މި މަޝްރޫޢުގެ އިންޖިނިއަރުންނަކީ އެލްއެންޓީ ކަމަށްވާއިރު، އެ ފަރާތުން ބަލަން ޖެހޭ ކަންކަން ބަލާ ނަގާ މީހެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
" މިނިސްޓްރީގެ ޓީމެއް އެލްއެންޓީއާއެކު އައްޑޫގައި މަސައްކަތް ކުރޭ. އެ ޓީމުން ކޮލިޓީ މައްސަލަތަކާއި ހުރި ކަންބޮޑުވުންތައް އަޑު އަހާ އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދަނީ. އަޅުގަނޑުމެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑު އަހާ އަދި އަޅުގަނޑުމެންގެ ޓީމަށް ފާހަގަ ކުރެވޭ މައްސަލަތައް ހައްލު ކުރުމަށް އިތުރަށް މަސައްކަތް ކުރާނަން " މިނިސްޓަރ ވިދާޅުވިއެވެ.
އައްޑޫ މަގު ހެދުމުގެ މަޝްރޫޢުއަކީ މިހާތަނަށް ރާއްޖޭގެ ރައްތަކުގައި ހިންގޭ އެންމެ ބޮޑު މަގު ހެދުމުގެ މަޝްރޫޢުއެވެ. މިމަޝްރޫޢު ދެ ކުންފުންޏަކާއި ހަވާލުވެގެން ކުރިއަށް ގެންދާއިރު، މަސައްކަތުގެ ބޮޑުބައި ކުރިއަށް ގެންދަނީ ތިލަ މާލެ ބްރިޖުގެވެސް މަސައްކަތް ކުރަމުންދާ އިންޑީއާ އެފްކޮންސް ކުންފުނިންނެވެ.
މީގެ ކުރިންވެސް މިމަޝްރުޢުގެ މައްސަލަތަކެއް ފެންމަތިވެ، މިދިޔަ ސަރުކާރުގެ ޕްލޭނިންގް މިނިސްޓަރ އައްޑޫއަށް ވަޑައިގެން ދުވަސްކޮޅަކު އައްޑޫގައި މަޑު ކުރައްވާ މަސައްކަތް ކުރެއްވިއެވެ. އޭރުވެސް ގިނަ މައްސަަތައް ކުރިމަތިވީ މަގު ޑިޒައިންގެ ސަބަބުން މަގު ހަނިވުމާއި، އަދި ބައެއް މަގުތަކުގެ މަސައްކަތުގެ ކޮލިޓީ އާއި މެދުއެވެ.