ލ. ގަމުގައި ހަދަން ނިންމި ކެންސަރު ބަލީގެ ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލު ނުކުރަން ގަމު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވިސާމް ގޮވާލައްވައިފި އެވެ.
އޭނަ އެކަމަށް ގޮވާލެއްވީ ކެންސަރު ހޮސްޕިޓަލް މާލެ އަށް ބަދަލުކޮށް، މާލޭގައި ހަދަން ނިންމި މެންޓަލް ހެލްތު ހޮސްޕިޓަލް ގަމުގައި ހަދާ ގޮތަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
އެ ނިންމުމާ ގުޅިގެން ވިސާމު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކުރީގެ ސަރުކާރުން ގަމުގައި އަޅަން ނިންމި ކެންސަރު ހޮސްޕިޓަލް މާލޭ ބަދަލުކުރަން ނިންމި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލް ގަމުގައި އަޅަން ނިންމީ ވެސް ސިޔާސީ މީހުންނާއި ސިއްހީ ދާއިރާގައި ނުފޫޒު ގަދަ ބައެއް މީހުން، އެ ހޮސްޕިޓަލް މާލޭގައި އެޅުމަށް އެދެމުން ދަނިކޮށެވެ.
އަދި ނިންމުމާއެކު އިންޑިއާގެ ޓާޓާ މެމޯރިއަލް ކުންފުނީގެ މަންދޫބުން ގަމަށް ވަޑައިގެން ފީސިބިލިޓީ ރިޕޯޓް ހަދައި ޑީޕީއާރު ރިޕޯޓް ވެސް ހަދައި އިންޑިއާގެ ފޮރިން މިނިސްޓްރީން އެ ފާސްކޮށްފައިވާ ކަމަށް ވެސް ވިސާމު ވިދާޅުވި އެވެ. އަދި ކެންސަރު ހޮސްޕިޓަލް އަޅަން ބޭނުންވާ ހުރިހާ ފައިސާއެއް އިންޑިއާގެ އެގްޒިން ބޭންކުން ހަމަޖައްސައިފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ވިސާމް ވިދާޅުވީ ކެންސަރު ހޮސްޕިޓަލު މާލޭ ބަދަލުކުރަން ސަރުކާރުން ނިންމީ ޓާޝަރީ ސިއްހީ ފަރުވާ ނުލިބޭ ސަރަހައްދެގައި އެ ހޮސްޕިޓަލް އަޅަން ޖެހުމުން ކަމަށް ބުނާ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް އެމްޓީސީސީއާ އާއި ހަވާލުކޮށްފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"ލ. އަތޮޅު ކައުންސިލާއި ގަމު ކައުންސިލް މަޝްވަރާ ކުރުމެއް ނެތި މިފަދަ ނިންމުމެއް ސަރުކާރުން ނިންމުމަކީ ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް އަދި ހިޔާލެއް ހޯދަން ސަރުކާރުން ބޭނުން ނުވާކަމުގެ އަލިގަދަ ހެއްކެއް،" ވިސާމު ވިދާޅުވި އެވެ. " ހުރިހާ ކަމެއް ހަމަޖެހިފައިވާ މި ޕްރޮޖެކްޓް މާލެ އަށް ބަދަލުކުރުމަކީ އަތޮޅުތަކާއި ރަށްތަކުގެ ތަރައްގީ އަށް މިސަރުކާރުން އިސްކަން ނުދޭކަން ހާމަވާ ކަމެއް."
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އިއްޔެ މީޑިއާއަކަށް ވިދާޅުވީ ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކޮށް، މެންޓަލް ހެލްތު ސެންޓަރު އަޅާނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ގަމުގައި ކަމަށެވެ. އަދި
ސަރުކާރުގެ މި ނިންމުމާއެކު، ކެންސަރު ހޮސްޕިޓަލް އަޅަން ނިންމާފައި ވަނީ ދުބާއީގެ ފަންޑެއްގެ ތެރެއިން ކަމަށް ވިދާޅުވ އެވެ.
އެހެންވެ ކެންސަރު ހޮސްޕިޓަލް މަޝްރޫއަށް އިންޑިއާ ސަރުކާރު ދިން ލޯނު، އެހެން ގޮތަކަށް ބޭނުންކުރުމުގެ މަޝްވަރާތައް އެ ގައުމާއެކު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.