Last Updated: November 23, 17:46
Saturday, November 23, 2024
ޚަބަރު

"ފަނޯއްލަ" މަހާސިންތާ އައްޑޫގައި ފަށައިފި

ރާއްޖޭގެ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލް ހިމެނޭހެން ފަސްވަނަ ފަނޯއްލަ މަހާސިންތާ އައްޑޫސިޓީ ގައި ފަށައިފިއެވެ.

މިއަދު ހެނދުނު ފެށި މަހާސިންތާ ފެށުމުގެ ރަސްމީއްޔާތުގައި މިނިސްޓަރ ފޯރ ސިޓީސް ލޯކަލް ގޮވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ބައިވެރިވެ ވަޑައިގަންނަވައެވެ. އެލްޖީއޭއިން އިންތިޒާމުކޮށްގެން ޔޫއެސްއެއިޑް އަދި އައިއާރްއައި ގުޅިގެން ބާއްވާ މި މަހާސިންތާގައި 73 ބައިވެރިން ބައިވެރިން ބައިވެރިވެއެވެ. މަހާސިންތާ ކުރިއަށް ދާނީ މިމަހުގެ 27 އިން 28 އަށް އައްޑޫސިޓީ ގަމުގެ އީކުއެޓަރ ވިލެޖް-ބްލޫ ލެގޫން ހޯލުގައެވެ.

މަހާސިންތާގެ ބައިވެރިންގެ ތެރޭގައި ލޯކަލް ގަވަމެންޓް އޮތޯރިޓީއާއި، ލޯކަލް ގަވަމެންޓް މިނިސްޓްރީގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލަކާއި ސިޓީ ކައުންސިލެއް ބައިވެރިވެއެވެ. އޭގެ އިތުރުން އެގްރިކަލްޗަރ މިނިސްޓްރީއާއި، މިނިސްޓްރީ އޮފް އާބަން ޑިވެލޮޕްމެންޓް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އައްޑޫގެ އަންހެނުންގެ ކޮމެޓީއާއި ޖަމީއްޔާ ޖަމާޢަތްތަކުންވެސް ވަނީ ބައިވެރިވެފައެވެ.

މިފަހަރު މަހާސިންތާ ފެށުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ލޯކަލް ގަަވަމެންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ސަރުކާރަށް 40 ނުފުރެނީސް ކައުންސިލްތަކާއި އެކު މިފަދަ މަހާސިންތާއެއް ބޭއްވިގެން ދިއުމަކީ ލާމަރުކަޒީ ނިޒާމު އިސްލާހު ކުރުމަށް ސަރުކާރުން ދެއްވާ އިސްކަން ފެނިގެން ކަމެއް ކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އަދިވެސް މިހާތަނަށް އައިއިރުވެސް މަރުކަޒީ ގޮތެއްގައި ކޮންޓްރޯލް ކުރެވޭ ބާރުތައް ހުރިކަމަށް ސަރުކާރުގައި އިދާރާތަކުގެ ދަށުގައި ހުރި ކަމަށެވެ.

ފަނޯއްލަ މަހާސިންތާ އަކީ ލާމަރުކަޒީ ސިޔާސަތުތައް ވިލަރެސް ކުރުމަށް ކައުންސިލްތަކާއި ގުޅިގެން ކުރެވޭނެ މަސައްކަތް ދެނެގަތުމަށް ބޭއްވޭ މަހާސިންތާއެކެވެ. މިފަހަރު މަހާސިންތާގައި މައިގަނޑު 3 ކަމެއްގައި މަޝްވަރާ ކުރާނެއެވެ. އޭގެ ތެރޭގައި މިނިސްޓްރީގެ ދަށުން ރާއްޖޭގެ 7 ސަރަހައްދެއްގައި ޤާއިމް ކުރެވިފައިވާ ޕަބްލިކް ވޯކްސް ޑިޕާޓްމެންޓް މަސައްކަތްތައް ކައުންސިލްތަކާއި ގުޅިގެން ވިލަރެސް ކުރުމުގެ ނިޒާމެއް ޤާއިމް ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފއެވެ.

މީގެ އިތުރުން، ކައުންސިލްތަކުގެ ޕާފެމެންސް އިންޑެކްސް މުރާޖަޢާ ކުރުމަށް މަޝްވަރާ ކުރުމާއި، ކައުންސިލްތަކަށް ޤާނޫނީގޮތުން ލިބިދޭންޖެހޭ ވަސީލަތް ހޯދުމާއި މާލީ ގޮތުން ބާރުވެރިކޮށް އިދާރީ ދާއިރާތައް ހިންގުމަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.