ސަރުކާރަކީ ކޮންމެ ތަނެއްގައިވެސް ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ޒިންމާދާރުކަމާއެކު މަސައްކަތްކުރަން ޖެހޭ ފަރާތެކެވެ.
އެހެން ނަމަވެސް ސަރުކާރު މަގުން ކައްސާލައިގެން ދިއުމާއި ބުއްދިއަށް ގަބޫލު ނުކުރެވޭ ޒާތުގެ ދެކޮޅުނުޖެހޭ ކަންކަން ކުރުމާއި އޭގެ ނަތީޖާއެއްގެ ގޮތުން އެސަރުކާރެއް ވެއްޓިގެންދާ މަންޒަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދެ އެވެ.
ސަރުކާރެއް މަގުން ކައްސާލައި ދެކޮޅު ނުޖެހޭ ކަންކަން ކުރުމަށް މެދުވެރިވާ މައިގަޑު ފަސް ސަބަބެއް އޮވެ އެވެ.
ފުރަތަމަ ސަބަބަކީ ޒާތީ ރުޅިވެރިކަމާއި ހަސަދައިގެ ސަބަބުން ބަދަލު ހިފުމުގެ ޖޯޝުގައި ކަންކަން ކުރަން ދިމާކުރުމެވެ.
ދެވަނަ ސަބަބަކީ ހުރިހާ ބާރުތަކެއް އެކެއްގެ މުށުތެރެއަށް ޖަމާވެފައި އޮންނަ ދަނޑިވަޅުގައި އެ މީހެއްގެ ސޭކު ދަރިއަކު ނުވަތަ އާއިލާގެ އެ ނޫންވެސް މީހަކު ނުކުމެ ހިތު ހުރި ގޮތަކަށް އަމަލުކޮށް މުޅި ނިޒާމު ގަނޑުބަޑުކޮށްލުމެވެ. ތިން ވަނަ ސަބަބަކީ ވެރިކަން
ދެމެހެއްޓުމުގެ އެދުމުގައި ރާހިބަލައި ފަންޑިތަ ހަދައި އުޅޭ މީހުންގެ ބަހަށް އީމާންވެ އެމީހުން އަންގާ ގޮތަށް ހުރިހާކަމެއް ކުރަން
ދިމާކުރުމެވެ.
ހަތަރު ވަނަ ސަބަބަކީ ވެރިކަމުގެ ތެރޭގައި އަނބި މީހާ އާއި އޭނާގެ އާއިލާގެ ނުފޫޒު ގަދަވެ ހުރިހާ އުސޫލުތަކާއި ހަމަތަކަށް ވުރެ އަނބިމީހާގެ މަސްލަހަތު އިސްކުރެވޭތަން އައުމެވެ.
ފަ ސްވަނަ އަދި ފަހު ސަބަބަކީ ގައުމު ލޫޓުވުމުގައި ހައްދު ފަހަނަޅައިދި އުމާއި ވެރި މީހާއަކީ އިންސާނީ ދަރަޖައަށް ވުރެ މަތީގައިވާ ފަރާތަކަށް ހަދައިގެން ކަންކަން ކުރަން ދިމާކުރުމެވެ.
ޒާތީ ރުޅިވެރިކަމާއި ހަސަދައިގެ ސަބަބުން ކުރެވޭ ކަމަކުން ސަރުކާރެއް މުލުން ލުހިގެން ގޮސް ވެއްޓުމުގެ އެންމެ ރީތި މިސާލެއް ނެގެން އޮތީ ފިލިޕީންސުންނެވެ.
ފިލިޕީންސްގެ ޚުދުމުޚުތާރު ވެރިޔާ ފާޑިނާންޑް މާކޯސްގެ ވެރިކަން ނިމުމުގެ މައިގަނޑު ސަބަބަކަށްވީ އޭނާގެ އަނބިކަނބަލުން އިމެލްޑާ މާކޯސްގެ އަމަލުތަކެވެ.
މާކޯސް އާ ކައިވެނި ކުރެއްވުމުގެ ކުރިން އިމެލްޑާ ލޯބީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވީ ބެނިގްނޯ އަކީނޯ ކިޔާ ބޭފުޅަކާއެވެ. ބުނެވޭ ގޮތުގައި އަކީނޯއަށް އިމެލްޑާ ކަމުނުގޮސްގެން ކަޓުވާލީއެވެ. އެއަށްފަހު އިމެލްޑާ ގުޅިވަޑައިގެންނެވީ މާކޯސްއާ އެވެ.
މާކޯސް އާއި އަކީނޯއަކީ އޭރު ފިލިޕީންސްގެ ސިޔާސީ މަސްރަހުގައި ވަރަށް އަވަހަށް ކުރިއަރަމުން ވަޑައިގެންނެވި ޒުވާން ދެ ލީޑަރުންނެވެ. އޭރު އިމެލްޑާއަކީ ރީތީގެ މުބާރާތްތަކުގައި ބައިވެރިވުމާއި ލަވަކިޔުމާއި މިފަދަ ކަންކަމުން މަޝްހޫރު އަންހެނެކެވެ.
މާކޯސް ރިޔާސަތަށް ވަޑައިގެން އިމެލްޑާގެ ބަހަށް އަކީނޯއަށް ޖެއްސުން ކުރުމާއި ދަތިކުރުމުގެ ކަންތައްތަކެއް ފެށުނެވެ. މީގެ ނަތީޖާއެއްގެ ގޮތުން މާކޯސްގެ ވެރިކަމާ ދެކޮޅު ހަރަކާތްތަކުގެ ލީޑަރަކަށް އަކީނޯ ވެވަޑައިގެންނެވި އެވެ. ސިޔާސީ ވާދައިގެ ތެރެއަށް ލޯބީގައި ނާކާމިޔާބުވުމުގެ ހަސަދަވެސް އޮތީ ވަދެފަ އެވެ.
މިކަހަލަ ގޮތަކަށް ކަންތައްވަމުން ގޮސް އިމެލްޑާއަށް ކެތް ނުކުރެވިގެން ސިއްރު ފުލުހުންގެ ބޭނުން ކޮށްގެން އަކީނޯ އަވަހާރަކޮށްލިއެވެ. އަކީނޯގެ ގަޔަށް ބަޑި ޖަހާފައިވަނީ އޭނާ ގައުމުން ބޭރުގައި ހުންނަވާފައި އެނބުރިވަޑައިގެން މެނީލާގެ އެއަޕޯޓުގައި މަތިންދާބޯޓުން ފައިބާވަޑައިގެންނެވިތަނާ އެވެ.
މި ހާދިސާ އާ ގުޅިގެން މުޅި ފިލިޕީންސްގައި ގަޑުބަޑު ފެށި މިކަން ކޮންޓްރޯލް ނުވެގޮސް އެންމެ ހުން މާކޯސް އަށް ޖެހިވަޑައިގަތީ އިސްތިއުފާ ދެއްވާފައި އަނބިކަނބަލުން އިމެލްޑާ ގޮވައިގެން އެމެރިކާގެ ހަވާއީ އަށް ހިޖުރަކުރެއްވުމަށެވެ.
ވެރިކަމުގެ ތެރެއަށް އަތްބާނަން ސޭކު ދަރިޔަކަށް ފުރުސަތު ދިނުމުން ދެން ވާނެ ގޮތުގެ އެންމެ ރީތި މިސާލެއް ނެގެން އޮތީ އިރާގުންނެވެ.
ރައީސް ސައްދާމު ހުސައިނުގެ ވެރިކަން އޭގެ އެންމެ މަތީ ހަރުފަތުގައި ވަނިކޮށް ސައްދާމު ވަނީ އޭނާގެ ދޮށީ ދަރިކަލުން އުދައްޔު އަށް ވެރިކަމުގެ ވަރަށް ގިނަ ބާރުތައް ދެއްވާފައެވެ.
ގައުމުގެ ރޭޑިއޯ އާއި ޓީވީ، ނޫސްތަކާއި ޒުވާނުންގެ ވެރިޔަކަށް އުދައްޔު ވުމުން އޭނާ ކަންތައް ކުރަމުން ގެންދިޔައީ ވަރަށް ވެސް ދެކޮޅުނުޖެހޭ އަނިޔާވެރި ގޮތަކަށެވެ. މި އަނިޔާވެރިކަން ހައްދުފަހަނަޅައި ގޮސް ގައުމުގެ ޔުނިވަސިޓީތަކަށް ވެސް އުދައްޔު އަތްބާނަން ފެށި އެވެ.
އެއްވެސް ކުލާހަކަށް ނުގޮސް ތީސިސްއެކޭ ބުނެ ބަޔަކު ލައްވާ ލިޔުމެއް ތައްޔާރު ކުރުވައި ދުނިޔޭގެ އެއްވެސް
ޔުނިވަސިޓީއަކުން އެއްވެސް މީހަކަށް ނުދޭވަރުގެ ބޮޑު ފާހެއް ވެސް ބަގުދާދު ޔުނިވަސިޓީން އުދައްޔު ވަނީ ހޯދައިފަ އެވެ. މިއީ ޕީއެޗްޑީއަށް ވުރެ ވެސް މަތީ ފާހެއް ކަމަށް އުދައްޔުގެ ބާބީލް ނޫހުން އިއުލާން ކުރި އެވެ.
ސައްދާމުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު އިރާގުގައި ހިނގައި ދިޔަ ބޮޑު ކޮންމެ ކަމެއްގެ މުގުލުގައި ހުރީ އުދައްޔުއެވެ. ސައްދާމަށް އޮންނަނީ އުދައްޔު ކުރާ ކަންތަކުގެ މަތި ޖަހައި ފަސްއަޅައި ފޮރުވޭތޯ އުޅުމެވެ.
މިހެންވުމުން ސައްދާމުގެ ސަރުކާރުގެ އަގާއި ހުރުމަތް ބޭރާއި އެތެރޭގައި ގެއްލެމުން ދިޔައީ ވަރަށް ވެސް ހަލުވި ސްޕީޑެއްގައެވެ.
ސައްދާމުގެ ވެރިކަން ނިމުމުގެ ސަބަބުތަކުގެ ތެރޭގައި ވަރަށް ގިނަބަޔަކު އެންމެ ބޮޑަށް ފާހަގަކުރަނީ އުދައްޔުގެ އަނިޔާވެރިކަމާއި ސޭކު އަމަލުތަކެވެ.
ކުވޭތަށް އެރުމާއި ކުރުދީން ގަޔަށް ވިހަ ގޭސް ޖެހުމާއި މިހެންގޮސް ވަރަށް ގިނަކަންކަމަކީ ހަމަ ސީދާ އުދައްޔުގެ އޯޑަރަށް ކުރެވުނު ކަންތައް ކަމުގައި ބުނާ މީހުން އުޅެ އެވެ.
ރާހި ބަލާމީހުންނަށް އީމާންވެގެން އެމީހުން ބުނާ ގޮތަށް ހުރިހާ ކަމެއް ކުރަން ހަދައިގެން ވެރިކަން ގެއްލުމުގެ އެންމެ ފަހުގެ މިސާލު ނެގެން އޮތީ ސްރީލަންކާއިންނެވެ. ރައީސް މަހިންދަ ރާޖަޕަކްސާގެ ވެރިކަމުގެ ދައުރު ހަމަވާން އެތައް އަހަރެއް ބާކީ އޮއްވައި އަދިވެސް އެވެރިކަން އިތުރަށް ކަށަވަރުކުރުމަށް ރާޖަޕަކްސާ އީމާންވެވަޑައިގަތީ އޭނާގެ ރާހިބަލާ މީހާ ސުމަނަދާސަ އަބޭގުނަވަރުދަނާއަށެވެ.
ސުމަނަދާސަ ލަފާދިނީ ކުއްލިއަކަށް އަވަސް އިންތިޚާބެއް ބޭއްވުމަށެވެ. އަދި އެއިންތިޚާބުގެ ތާރީޚާއި ރާޖަޕަކްސާ ކެންޑިޑެސީ ފައިލް ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަންނަވަންވީ ތާރީޚާއި ވަގުތާއި މި ހުރިހާ ކަމެއް ނިންމީ ސުމަނަދާސަ ބުނި ގޮތަށެވެ.
އޭނާ ބުނެފައިވަނީ އިރުވަރުބަލައި ރަނގަޅު ސާއަތުގައި މިކަން ކުރުމުން ދުވަހަކުވެސް ރާޖަޕަކްސާގެ ވެރިކަން ނިމުމަކަށް ނާންނާނެ
ކަމަށެވެ.
ސުމަނަދާސަ ބުނިގޮތަށް ކަންތައް ކުރުމުން ވެރިކަމުގެ ބާކީ ތިން އަހަރުވެސް ގެއްލި އިންތިޚާބުގައި ނާކާމިޔާބުވެ ރާޖަޕަކްސާގެ އާރާއި ބާރު ވަނީ ގެއްލިފައެވެ. ސުމަނަދާސަ މިހާރު ވަނީ ކޮލަމްބޯވެސް ދޫކޮށް އޭނާގެ އުފަން ރަށަށް ގޮސްފަ ވެ. އަމިއްލަ ރާހި ވެސް ނުބެލުމުން އޭނާގެ އިތުބާރާއި ނުފޫޒު ވެސް ވަނީ ގެއްލިފަ އެވެ.
އަނބިމީހާ އާއި އޭނާގެ އާއިލާގެ ސަބަބުން ވެރިކަމެއް ވެއްޓުމުގެ އެންމެ ރީތި މިސާލެއް ނެގެން އޮތީ ޓިއުނީޝިއާއިންނެވެ. ރައީސް ޒައިނަލް އާބިދީން ބިން އަލީ ފަހުން ކައިވެނި ކުރެއްވި ލައިލާ އަކީ އެއްބަނޑަށް ވެސް ބާރަ ތޭރަ މީހުން ތިބި އަންހެނެކެވެ. ބުރުސޫރަ ރީތިވިއެއް ކަމަކު ތައުލީމީ ގޮތުން ލައިލާއަކީ ވަރަށް އާދައިގެ މީހެކެވެ.
ބޯކޮށަން އުޅުނު އަންހެނެކެވެ. އެހެން ނަމަވެސް އިސާހިތަކު ބޮޑެތި ޖަމިއްޔާ ޖަމާއަތްތަކުގެ ރިޔާސަތު ބަލަހައްޓައި ބޮޑެތި މުފައްކިރުންވެސް ނުދޭ ޒާތުގެ ތަގުރީރު ދީތަންތަނުގެ ނަން ލައިލާގެ ނަމަށް ބަދަލުކުރަން ފެށީ ވަރަށް ވެސް އަވަހަށެވެ.
ލައިލާގެ އެއްބަނޑަށް ތިބި މީހުންގެ ކަމަކީ ކުންފުނިތަކަށް ނުފޫޒު ފޯރުވައިގެން ޕަސެންޓޭޖް އަތުލުމާއި ވައްކަން ކުރުމެވެ. ޓިއުނީޝިއާގައި އެއްވެސް މީހަކަށް ލައިލާގެ އެއްބަނޑު މީހަކަށް ފައިސާ ދީގެން ނޫންގޮތަކަށް އެއްވެސް ކަމެއް ނުކުރެވޭ ހިސާބަށް އާއިލާގެ ކޮރަޕްޝަން ބޮޑުވެގެން ދިޔަ އެވެ.
މިކަން ބޮޑުވެގެން ދިޔަދިޔައިނުން ޓިއުނީޝިއާގެ ބަނދަރަށް އަންނަ ބޮޑެތި ޔޮޓާއި އާގުބޯޓު ފަހަރުވެސް ދިޔައީ ވަގަށް ނަގަމުންނެވެ. ބުނެވޭ ގޮތުގައި ޓިއުނީޝިޔާގެ މަރުކަޒީ ބޭންކުގައި ހުރި ރަނުގެ ރިޒާވް ލައިލާގެ އުފަލަށްޓަކައި ގަނޑުވަރަށް ގެނެސް ލައިލާގެ
ބެޑްރޫމް ޒީނަތްތެރިކުރުމަށް ބަހައްޓާފައިވެ އެވެ.
ރައީސް ބިން އަލީއާ ދެކޮޅު ހަރަކާތްތައް ބޮޑުވެގެން ކެތް ނުކުރެވިގެން އޭނާ ފިއްލަވައިގެން ގައުމު ދޫކުރައްވައި ސައުދީ އަރަބިޔާއަށް ވަޑައިގެންނެވި އިރު މި ރަނުގެ ތެރޭން ވަރަށް ބޮޑު މިންވަރެއް ލައިލާގެ ފޮށިތަކުގައި ގެންދިޔަ ކަމަށް ބުނެވެ އެވެ.
ގައުމު ލޫޓުވުމުގައި ވަކި މިންވަރެއް ނުބެލުމާއި ވެރިމީހާއަކީ އިންސާނުންގެ ދަރަޖައަށް ވުރެ މަތީގައިވާ މީހެއް ކަމަށް އާއްމުންނަށް
ވިސްނައިދިނުމުގެ އެންމެ ސާފު މިސާލެއް ނެގެން އޮތީ އެފްރިކާގެ ގައުމެއް ކަމަށްވާ ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ.
ހުޅަނގުގެ ތާއީދާ އެކު ވެރިކަން ހޯދި ޖޯސެފް މޮބޫޓޫގެ ވެރިކަމަށް ދުވަސްކޮޅެއް ފަހުން އޭނާ ވަނީ ގައުމުގެ ނަމާއި އަމިއްލަ ނަން ވެސް ބަދަލުކޮށްފަ އެވެ.
ކޮންގޯގެ ނަން ބަދަލު ކުރީ ޒަޔަ މި ނަމަށެވެ. މިނަމުގެ މާނައަކީ ކޯރުތަކުގެ ތެރޭން ހުރިހާ ކޯރެެއްގެ ވެރި ކޯރެވެ. މޮބޫޓޫއަކީ ކޯރުގައި
ފެތުން ގިނަ މީހެކެވެ. މޮބޫޓޫގެ ނަމުން ޖޯސެފް ޑިސަރީ ކަނޑާލައި އޭނާގެ އަމިއްލަ ނަމަކަށް ހެދީ މޮބޫޓޫ ސެސެ ސޭކޯ ނޫކޫ އެންގެބެންޑޯ ވަޒާ ބަންގާ އެވެ. މި ނަމުގެ މާނައަކީ ދުވަހަކުވެސް ނާކާމިޔާބީއާ ކުރިމަތިވުމެއް ނެތް އިންސާނީ ސިފަތަކަށް ވުރެ މަތީގައިވާ އަބްތާލެވެ.
މިގޮތަށް ވެރިކަން ކުރުމުގައި މޮބޫޓޫ އަހަރުތަކެއް ހޭދަ ކުރި އެވެ. ވިޔަފާރި ކުރަން ވެސް އޭނާ އާއި އާއިލާ ދަނީ ހަފުތާ ބަންދުގައި ކޮންކޯޑް މަތިންދާބޯޓު ޗާޓަރުކޮށްގެން ފްރާންސުގެ ޕެރިހަށެވެ.
ކޮންކޯޑުގައި ދަނީއެއީ އާދައިގެ މަތިންދާބޯޓަށް ވުރެ ދެގުނަ ބާރަށް އުދުހޭ ބޯޓަކަށްވާތީ އެވެ. މިހެން ކަންތައް ދަނިކޮށް ލޯރަން ކަބީލާ ކިޔާ މީހަކު ނުކުމެ ބަގާވާތްކޮށް މީހުން އެއްކޮށްގެން އެތައް ދުވަހެއްގެ މަސައްކަތުން މޮބޫޓޫ ވެރިކަމުން ބޭލި އެވެ.
އޭނާގެ ނިމުން އައީ ވަރަށް ވެސް ހިތިކޮށެވެ. އެވެރިކަން ނިމުމާ އެކު ގައުމުގެ ނަންވެސް އަލުން ކޮންގޯ އަށް ވަނީ ބަދަލު ކުރެވިފަ އެވެ.