Last Updated: October 5, 20:05
Saturday, October 5, 2024
މުނިފޫހިފިލުވުން

ޕްރަބާސްގެ "ސްޕިރިޓް" ގެ ޝޫޓިން ފެބްރުއަރީގައި

ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާއާ އެކީ ޕްރަބާސް މަސައްކަތް ކުރަން ހަމަޖެހިފައިވާ ފިލްމު "ސްޕިރިޓް" ގެ ޝޫޓިން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ފިލްމުގެ ސްކްރީންޕްލޭ ޕޮލިޝްކުރަން މިހާރު ކުރަމުން އަންނަ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން ނިންމާނެ ކަމަށެވެ. އަދި ފެބްރުއަރީ މަހުގެ ތެރޭގައި "ސްޕިރިޓް" ގެ ފުރަތަމަ ޝެޑިއުލް މުމްބާއީގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާނެ އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ މި ފިލްމަކީ 2021 ގައި އިއުލާންކުރި އެއްޗެކެވެ. އެކަމަކު މިހާތަނަށް "ސްޕިރިޓް" އާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފިލްމުގެ ޓީމުން ހާމަކޮށްފައެއް ނުވެ އެވެ. އެހެންވެ މީގެ ކާސްޓްގައި ޕްރަބާސްއާ އެކީ ހިމެނެނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. ހާއްސަކޮށް، "ސްޕިރިޓް" ގެ ބަތަލާ އަކީ ކާކުތޯ ބަލަން ވަރަށް ގިނަ ބަޔަކު ތިބީ އިންތިޒާރީގަ އެވެ.

ސަންދީޕްގެ އެންމެ ފަހުގެ ފިލްމަކީ ރަންބީރް ކަޕޫރާ އެކީ މި މަހުގެ 1 ގައު ރިލީޒްކޮށް، ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ "އެނިމަލް" އެވެ. މި ފިލްމަކީ އޭނަ 2019 ގައި ޝާހިދު ކަޕޫރާ އެކީ ގެނެސްދިން "ކަބީރް ސިންގް" ގެ ގޮތަށް ވަރަށް އަނިޔާވެރި މަންޒަރުތައް ގިނަ ފިލްމެކެވެ.

ކުރިން މީޑިއާތަކުން ބުނީ "ސްޕިރިޓް" ގެ ކުރިން "އެނިމަލް" ގެ ސީކްއެލް "އެނިމަލް ޕާކް" ގެ މަސައްކަތް ސަންދީޕް ފަށާނެ ކަމަށެވެ. ނަމަވެސް ރަންބީރް ދެން ވަގުތު ދޭން ހަމަޖެހިފައި ވަނީ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ ހުރާފީ ޓްރިލޮޖީ "ރާމާޔަން" އަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"ބާހްބަލީ" ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ޕްރަބާސްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އެކްޝަން ފިލްމު "ސަލާރް" އެވެ. މިއީ "ކޭޖީއެފް" ގެ ދެ ފިލްމު ގެނެސްދިން ޑައިރެކްޓަރު ޕްރަޝާންތު ނީލްގެ ފިލްމެކެވެ.

ޕްރަބާސް ދެން ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު ދީޕިކާ ޕަދްކޯނާ އެކީ ފެންނާނެ "ކަލްކީ: 2898" އެވެ.