ރާއްޖޭގެ އޮންލައިން ނޫސްތަކެއް ސަރުކާރުން ބްލޮކްކޮށްފައިވާތީ އެކަމާ ގުޅޭ ކުއްލި މައްސަލަ އަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑު) އެވެ. އޭނަ ވިދާޅުވީ ހިޔާލުފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ގާނޫނުއަސާސީގައި ފުޅާ ދާއިރާއެއްގައި ދީފައިވާ އިރު ހަބަރާއި މައުލޫމާތު ފަތުރަމުން ދިޔަ ދެ ވެބްސައިޓެއް ބްލޮކްކޮށް ސަރުކާރުން އެ ހައްގަށް ހުރަސް އަޅަމުންދާ ކަމަށެވެ. އަދި އެ ވެބްސައިޓުތައް ބްލޮކް ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ދީފައިވާ އިންޒާރަކަށްވާތީ އެއީ ޑިމޮކްރެސީގެ ހިޔާތުގައި އެތައް އަހަރެއް ސޮއްސާލައިގެންދާ ފަދަ ބިރުވެރި ނިންމުމެއް ކަމަށް ވިދާޅުވި އެވެ.
އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ ހުއްޓާލުމަށާއި ހައްގުތައް ފުރިހަމަ ގޮތުގައި ދިނުމަށް ސަރުކާރަށް ގޮވާލަން." ކުރިން މީޑިއާގައި މަސައްކަތްކުރެއްވި މެމްބަރު ވިޅުވި އެވެ.
އޭނަ ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައި ގަނެ، ބަހުސް ކުރުމަށް ފާސްކޮށްފައިވެ އެވެ.
މި ސަރުކާރުން އޮންލައިން ތިން ނޫހެއް ބްލޮކްކުރި އެވެ. އެއީ ކުރުސީ.ކޮމް އާއި އޮއިވަރުގެ އިތުރުން ފުރަތަމަ އެވެ. ނަމަވެސް ފަހުން ފުރަތަމަ ވަނީ އަންބްލޮކްކޮށްފަ އެވެ.
ސަރުކާރުން ބުނެފައި ވަނީ ރަޖިސްޓްރީކޮށްގެން ގަވާއިދާ އެއްގޮތަށް ހިންގާ އެއްވެސް އޮންލައިން ނޫހެއް ބްލޮކް ނުކުރާނެ ކަމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނާޅާނެ ކަމަށެވެ. ނަމަވެސް އޮންލައިން ނޫސްތަކެއް ބްލޮކްކުރި މައްސަލާގައި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.