Last Updated: November 23, 17:46
Saturday, November 23, 2024
ޚަބަރު

ރަސްމާލެ ހިއްކަނީ ހިއްކަމުންދާ ތަނަކުން ވެލި ނަގައިގެނެއް ނޫން

ފުށިދިއްގަރު ފަޅު ހިއްކަނީ ކުރީ ސަރުކާރުން ފެށި މަޝްރޫޢުއަކުން ވެލި ނަގައިގެން ނޫން ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯގެ މެނޭޖިންގް ޑިރެކްޓަރ ފަޒުލް ރަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސް މާލެ ހިއްކަނީ ގުޅީފަޅު، ގިރާވަރުފަޅު، ތިލަފުށި، އަދި ހުޅުމާލޭގެ ހިއްކާ ސަރަހައްދަކުން ވެލި ނަގައިގެން ނޫން ކަމަށެވެ. އޭނާ ވަނީ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރާ މަސައްކަތް ކުއްވެރި ކުރާ ކަމަށް ވިދާޅުވެފައެވެ.

ފަޒުލް މިހެން ވިދާޅުވެފައި މިވަނީ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ މަޝްރުޢޫ ހިއްކަން ވެލި އަޅަނީ ގުޅީފަޅު ހިއްކުމަށް ނަގާ ވެލިން ކަމަށް ބައެއް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިހާރު ވެލި ނަގަނީ ގިރާވަރުފަޅުން ކަމަށް އެ ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.


މިކަމަށް އިޝަރާތްކޮށް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުވެސް ވަނީ އެކްގައި ޕޯސްޓެއް ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ރަސްމާލެ ހިއްކަން ވެލި ނަގަނީ، މާލެ އަތޮޅުގެ ދެކުނުގެ ސަރަހައްދުން ކަމަށް ވިދާޅުވެފައެވެ. މިމަޝްރޫޢަށް ވެލި ނަގާ ސަރަހައްދު މަޝްރޫޢުގެ އީއައިއޭ ރިޕޯޓާއި އެކު މިނިސްޓަރ ވަނީ ހިއްސާކޮށްފައެވެ. އަދި ގުޅީފަޅު ހިއްކަން ވެލި ނަގަނީ މާލެ އަތޮޅު އުތުރުންކަންވެސް ފާހަގަކޮށްފައެވެ.


ފުށިދިއްގަރު ފަޅުގެ މަޝްރުޢު އަކި މި ސަރުކާރުން މާލެ ސަރަހައްދުގައި ބޯހިޔަވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ފަށާފައިވާ އެންމެ ބިޔަ ބޮޑު އެއް މަޝްރޫޢު އެވެ. މި މަސައްކަތް ފެށިފަހުން ހަފްތާއެއްގެ ތެރޭގައި 10 ހެކްޓަރު ހިއްކާފައިވާކަން ފާހަގަކޮށް މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެއެވެ.

ނަމަވެސް މަޝްރޫޢުގެ ފުރިހަމަ މައުލޫމާތު އާންމު ނުކުރާ ކަމަށް ބުނެ އިދިކޮޅުގެ ކަންބޮޑުވުން އެބައޮތެވެ. އެގޮތުން މިމައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ނައިބް ރައީސް އަދި ހޯރަފުށީ ދައިރާގެ މެންބަރު އަހުމަދު ސަލީމްއެވެ.

މައްސަލަ ހުށަހަޅަމުން ސަލީމް ވަނީ ފުށިދިއްގަރު މަޝްރޫއަށް 1280 ހެކްޓަރުގެ ފަޅަކުން 1153 ހެކްޓަރުގެ ބިން ހިއްކަން ރާވާފައިވީ ނަމަވެސް ތިމާވެއްޓަށް ކުރާނެ އަސަރު ބެލުމަށް އީއައިއޭ ހަދާފައި ވަނީ 29 ހެކްޓަރުގެ ބިމުގެ ކަމަށާއި އެއީ މުޅި ފަޅުގެ 2.29 ޕަސެންޓު ކަމަށެވެ.