އޯޓިޒަމް ކުދިންގެ ހުނަރު ދައްކުވައިދޭ ގޮތަށް ފަރުމާކޮށްގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ތައްޔާރުކޮށްފައިވާ 2024 ވަނަ އަހަރުގެ ކަލަންޑަރު މިއަދު އިފްތިތާހުކޮށްފިއެވެ.
މޯލްޑިވްސް އޯޓިޒަމް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިކަލަންޑަރ ނެރެދެއްވީ އެމް.އޭ.ސީ.އެލް ގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޠާހާއެވެ. އެމްއޭސީއެލްއާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން ގުޅިގެން ތައްޔާރުކުރެވުނު މި ކަލަންޑަރުގައި ހިމަނާފައިވަނީ އެ ސެންޓަރުގެ ދަރިވަރުންގެ ކުރެހުންތަކެވެ.
އަންނަ އަހަރުގެ ކަލަންޑަރު އޯޓިޒަމް ކުދިންގެ ހުނަރަށް ހާއްސަކުރެވުނު މައިގަނޑު ސަބަބަކީ މިފަދަ ކުދިންނަކީވެސް ތަފާތު ހުނަރުތައް ހުރި ކުދިންކަން މުޖްތަމައު އަށް އަންގައިދިނުން ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އަދި މިކުދިންނަކީ ތަފާތުތަކާއި އެކު ވެސް މުޖްތަމައު ބަލައިގަންނަ ބައެއްގެ ގޮތުގައި ހެދުމަށާއި މުޖްތަމައުން އެފަދަކުދިންނާއި މެދު ދެކޭގޮތް ރަނގަޅު ކުރުމަކީވެސް އެއް ބޭނުންކަމަށް އެކުންފުނިން ފާހަގަކުރެއެވެ.
We're thrilled to unveil the MACL Calendar 2024, a celebration of talent and inclusivity! This year we've partnered with the @maldivesautism to dedicate our calendar to the incredible artwork of autistic children💙 pic.twitter.com/4k1dwZg6C1
— Maldives Airports Company Ltd – MACL (@MACLmedia) December 28, 2023
"ހިތްހަމަޖެހުމާއި އުފާވެރިކަން" މި މައުޟޫއަށް ކުދިން ކުރަހާފައިވާ ކުރެހުންތަކުގައި އެ ކުދިން އެންމެ އުފާވާ ކަންކަމުގެ ޝުއޫރުތައް ގެނެސްދީފައި ވެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޠާހާ ވިދާޅުވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންގެ ކުރެހުންތައް 2024 ވަނަ އަހަރުގެ އެމްއޭސީއެލްގެ ކަލަންޑަރުގައި ހިމެނިގެންދިއުމަކީ އެހެން ހުރިހާ އަހަރުތަކަށްވުރެ 2024ގެ ކަލަންޑަރު ޚާއްސަވާ ސަބަބެއްކަމަށެވެ.
"އަޅުގަނޑުމެންގެ މަޤްޞަދަކީ އެކުދިންނަށް އެކުދިންގެ ހުނަރާއި ޤާބިލްކަން ދައްކާނެ ފުރުސަތު ފަހިކޮށްދިނުން. މުޖުތަމައުން އެކުދިން ބަލައިގަންނަކަން ރަމްޒުކޮށްދިނުން. މިކަމުގައި އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވި ކަމަށްޓަކައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ޝުކުރު ދަންނަވަން." ޠާހާ ވިދާޅުވިއެވެ.
އަންނަ އަހަރުގެ ކަލަންޑަރު އޯޓިޒަމް ކުދިންނަށް ޚާއްސަކުރުމުގެ އިތުރުން، ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން މިފަދަ ކުދިންނަށް ހިއްވަރުދީ ފުރުޞަތު ފަހިކޮށްދިނުމަށް ދަނީ ގިނަ މަސައްކަތްތައް ކުރެވެމުން ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.