ރާއްޖޭގެ ކުރީގެ މަޝްހޫރު ފިލްމީ ބަތަލާ ހަދީޖާ އިބްރާހީމް ކުޑަހައްޖަ) ގެ ދޮށީ ފިރިހެން ދަރިފުޅު މުހައްމަދު ޝިޒާން ޒަބީރު ނިޔާވެއްޖެ އެވެ.
އޭނަގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މިރޭ އިޝާ ނަމާދަށް ފަހު ހުޅުމާލޭގަ އެވެ. ކުޑަހައްޖަހގެ ދަރިފުޅު ނިޔާވުމާ ގުޅިގެން ފިލްމީ ދާއިރާގެ އެކި މީހުން މިއަދު ސޯޝަލް މީޑިއާގައި ތައުޒިޔާ ވެސް ކިޔާފައިވެ އެވެ.
އެނގިފައިވާ ގޮތުގައި އުމުރުން 18 އަހަރުގެ ޝިޒާން ނިޔާވީ މިއަދު ހެނދުނު ފިޓްޖެހިގެން ގޭގެ ސިޑިމައްޗަށް ވެއްޓިފައި އޮއްވައި ފެނިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު، އޭޑީކޭ އަށް ފަހުން ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށެވެ. ސިޑިން ވެއްޓި ޝިޒާންގެ ސިކުިނޑި އަށް ލޭ އެޅިފައިވާ ކަމަށްވެ އެވެ.
އޭނަގެ މަންމަ ކުޑަހައްޖަކީ ފުވައްމުލަކުން ފިލްމީ ދާއިރާގައި ވިދި ބަތަލާއެކެވެ. އެގޮތުން 2000 ގެ އަހަރުތަކުގެ ކުރީކޮޅު ހައްޖަ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ވެހޭ ވާރޭތެރެއިން" އަދި "އޭނާ" ފާހަގަކޮށްލެވެ އެވެ. ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކާއި ޑްރާމާ ސިލްސިލާތައް ވެސް ކުޅުނު ހައްޖަ މި ފަހުން ސަަޕޯޓިން ރޯލުތަކުން ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި މި އަހަރުގެ "ލޯބިވެވިއްޖެ" ގެ އިތުރުން "ވަކިން ލޯބިން" އާއި "އެންމެ ފަހު ވިންދާ ޖެހެންދެން" ހިމެނެ އެވެ.
ހައްޖަ ކުޅުނު ސިލްސިލާތަކުގެ ތެރެއިން "ހިނިތުންވެލާށޭ ކަލާ" އަކީ ވަރަށް މަޝްހޫރުވި ސިލްސިލާއެކެވެ.
ހައްޖަގެ ފިރިމީހާ ޒަބީރަކީ ކުރީގެ ޑައިރެކްޓަރު އަބްދުލް ފައްތާހް 2002 ފެ ފިލްމު "އާނ….އަހަރެން ވެސް ލޯބިވިން" ގެ ރޯލެއް ކުޅުނު އެކްޓަރެކެވެ.