ސަރުކާރުން ދެ ނޫސް ވެބްސައިޓެއް ބްލޮކް ކުރީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އަށް ލިބުނު ރިޕޯޓަކާއި ގުޅިގެންކަމަށް މިނިސްޓަރ ފޯރ ސިޓީސް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމުރު ވިދާޅުވެއްޖެއެވެ.
މިއަދު އައްޑޫސިޓީ ގަމުގައި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ހާއްސަކޮށްގެން ބޭއްވި ފަނޯއްލަ ދަރުބާރު ނިންމާލުވުމަށް ފަހު އައްޑޫލައިވްއަށް ދެއްވި ބަސްތީގަތުމެއްގައި މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، ވެބްސައްޓެއް ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ބްލޮކް ކުރުމަށް އިރުޝާދެއް ނުދެއްވާ ކަމަށެވެ. ނަމަވެސް އެކަން ހިނގި ގޮތް ބެއްލެވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ވެބްސައިޓުތައް ބްލޮކް ކޮށްފައިވަނީ ކޮމިއުނިކޭޝަން އޮތޯރިޓީ މެދުވެރިކޮށެވެ. މިވަގުތު ކޮމިއުނިކޭޝަން އޮތޯރިޓީ ހިނގަމުންދަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީގެ މެންޑޭޓް ތެރެއިންނެވެ. އެ ވުޒާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި މިނިޓަރ އާދަމް ޝަރީފް ވިދާޅުވީ، ކޭމްއިން ނޫސް ވެބްސައިޓެއް ބްލޮކް ކުރާނަމަ އުސޫލުތަކުގެ ތެރެއިން ވަރަށް ބޮޑަށް ބައްލަވާ ކަމަށެވެ.
" މިފަހަރު މިވީ ގޮތަކީ އެ ދެ ވެބްސައިޓުވެސް ފާހަގަ ކުރެވުނީ ވަރަށް ބޮޑަށް މުޖްތަމަޢު ތެރޭގައި، ވަރަށް ފިތުނަ އުފެދޭ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް. އެހެންވީމަ އަޅުގަނޑުމެންނަށް ސަލާމަތީ ޚިދުމަތްތަކުގެ ތެރެއިން ރިޕޯޓެއް ލިބުނީ އެ ބޭފުޅުން ބައްލަވަން ބޭނުންފުޅުވާކަމަށް އޭގެ ނުރައްކާތެރިކާމާއި އެއިން ކިހާވަރެއްގެ ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް. " މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ބްލޮކް ކޮށްފައިވަނީ ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުގެ ތެރެއިން އެދިގެން ކަމަށެވެ. އަދި މިއަދު އެ ވެބްސައިޓުތައް ދޫކޮށްލާފައިވަނީ ވެސް އެ އުސޫލުގެ ތެރެއިން ކަމަށެވެ.
"އަޅުގަނޑުމެން ޤަބޫލު ކުރަނީ އެ ބޭފުޅުން އެ ވެބްސައިޓުތަކުގައި ލިޔުއްވާފައި ހުރި ލިއުންތަކާއި ގުޅިގެން އެއްވެސް ކަހަލަ ނުރައްކަލެއް ނުވަތަ އެކަންކަމާއި ގުޅިގެން އެއްވެސް ބަޔަކަށް އޭގެ ސަބަބުން ނޭދެވޭ އަސަރެއް ކުރާނެ ވަރުގެ ކަންތައްތައް ހުރިތޯ ބެއްލެވުމަށް އަޅުގަނޑުމެންނަށް އިޝާރާތެއް ލިބުނީމަ ކަމުގައި ކޭމް އިން އެކަން އެކުރެއްވީ " މިއަދު އަންބްލޮކް ކުރުމާއި ގުޅޭގޮތުން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ކޭމްގެ އުސޫލުތައް އޮންނަގޮތުން އެގޮތަށް އަންނަ ރިކުއެސްޓުތަކުގައި އަބަދުވެސް ނޫސް ވެބްސައިޓެއް ނޫންނަމަ އިޖާބަދޭ ކަމަށެވެ. އަދި އެފަދަ ވެބްސައިޓަކީ މީޑިއާއެއް ގޮތުގައި ނުބެލެވޭ ވެބްސައިޓެއް ނަމަ އެގޮތަށް ފިޔަވަޅު އަޅާ ކަމަށް ވިދާޅުވިއެވެ. މިގޮތުން މިދިޔަ ސަރުކާރުގައި ވެކްސިނޭޝަން ދެކޮޅަށް ލިޔަމުން ދިޔަ ވެބްސައިޓެއްވެސް ހެލްތު މިނިސްޓްރީގެ ރިކުއެސްޓެއް އައުމުން ބްލޮކް ކުރިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ މި މައްސަލާގައި ފުޅާދާއިރާއެއްގެ ސަރުކާރުން މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މީޑިއާތަކުގެ ފަރާތްތަކާއި އެކުވެސް ބައްދަލު ކުރައްވާ މިކަމާއި ގުޅޭ މަޝްވަރާތަކެއް ކޮށްފައިވާ ކަމަމަށެވެ.
"ޤާނޫނު އަސާސީގެ ވަރަށް ފުޅާ ދާއިރާއެއްގައި ލިބިދީފައި އޮންނަ ހައްޤެއް ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާއި އަދި ހާއްސަކޮށް މީޑީއާގެ މިނިވަންކަން. އަޅުގަނޑުމެން އެއްވެސް ހާލެއްގައި ބޭނުމެއް ނޫން ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް އަދި މީޑިއާގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް އެއްވެސް ކަމެއް ކުރާކަށް. " މިނިސްޓަރ ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރުވެސް އެންމެ ބޮޑަށް ވިދާޅުވި އެއް ވާހަކައަކީ އެއްވެސް ކަމެއް ސިއްރު ނުކުރައްވާނެ ކަމުގެ ވާހަކައެވެ. އަދި މީޑިއާއާއި ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.