ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ ވޯޓް ހޯދަން ހަގީގަތާ ހިލާފު ބައެއް ވާހަކަތައް ދައްކައިގެން ހޮވުނު ސަރުކާރެއް ކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ އައްޑޫ ހިތަދު އަށް ނިސްބަތްވާ ޕްރޮފެސަރު އެގޮތަށް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދުން ނުރައްކަލަށްވެގެން ނޫޅޭ ކަމަށް ބުނެ ސަރުކާރުން ދެއްކި ވާހަކައެއްގެ ޚަބަރެއްގެ ސުރުހީ ސޯޝަލް މީޑިއާގައި މިއަދު ޕޯސްޓްކުރައްވަ އެވެ.
އޭގައި އުގައިލް ވިދާޅުވީ އެފަދަ ސުރުހީތަކުން މިހާރު މި ފެންނަނީ މީގެ ދުވަސްކޮޅެއް ކުރިން ގިނަ ދިވެހިންގެ ހިތްތަކުގައި ޖެހި ޖަޒުބާތީ ވިންދުގެ ނަތީޖާ ކަމަށެވެ.
"ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް ހަގީގަތާ ޚިލާފު ބައެއް ވާހަކަތައް ދައްކައިގެން ހޮވުނު ސަރުކާރެއް ކަމުގައި ވިއަސް އެ ކަންތައް އެއްފަރާތްކޮށްފައި ސަރުކާރަށް އެއްބާރުލުން ދީގެން ގައުމުގެ ޙައްގުގައި ކުރިއަށް ދިއުން އެއީ މި ވަގުތު ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް." އުގައިލް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ކެމްޕޭންކުރި ދުވަސްވަރު ރާއްޖޭގައި ވަރަށް ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ތިބި ކަމަށް މުއިއްޒާއި ޕީޕީއެމް/ޕީޕީއެމް ކޯލިޝަނަކާއި އެ ކޯލިޝަނަށް ވާގިދުން މީޑިއާތަކުން ބުނަމުން ގޮސްފައިވެ އެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައި ފަހުން ބުނަމުން ގޮސްފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު މިހާތަނަށް ސާފުނުވާ ކަމަށެވެ.
ރައީސް މުއިއްޒުގެ ކެމްޕޭންގެ އެންމެ މުހިއްމު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ވީހާ ވެސް އަވަހަކަށް ރާއްޖެއިން ފޮނުވައިލުމެވެ. އެގޮތުން މިދިޔަ މަހުގެ 17 ގައި ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު، އިންޑިއާ ސަަރުކާރުގައި ވެސް ސިފައިން ގެންދަން އެދިފައިވެ އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބެނީ އެ ގައުމުން ހަދިޔާކުރި ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ބަލަހެއްޓުމުގެ އިތުރަށް އެ އެއްޗެހީގެ މެއިންޓެނެންސާއި އިންޖިނިއަރިންގެ މަސައްކަތްތަކަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.