އައު އަހަރާއި ގުޅުވައިގެން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިންގެ ރާއްޖެ ފެސްޓިވަލްގެ ހަރަކާތްތަކުގެ ތެރެއިން ރޭގަނޑު ހަރަކާތްތައް ފަސްކޮށްފިއެވެ.
މިކަން ހާމަކޮށް އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އައު އަހަރު ފެށުމުގެ މުނާސަބަތުގައި ބާއްވާ "ދިވެހިންގެ ރާއްޖެ 2024" ގެ ނަމުގައި މިމަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ފަސްކުރެވިފައިވާ ކަމަށެވެ. އެގޮތުން ރޭގަނޑު މިއުޒިކް ޝޯވްއެއްގެ އިތުރު ލޭޒަރ ލައިޓް ހަރަކާތްތައް އަދި ހަވާ އަރުވަން ވެސް ވަނީ ނިންމާފައެވެ.
ރާއްޖޭގެ ކަންކޮޅުތަކުގައި ޝޯވްގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން އެ ވުޒާރާއިން ފާހަގަ ކުރެއެވެ. ނަމަވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ޔެލޯ އެލާޓު ނެރެފައިވުމާއެކު ދަތުރުފަތުރު ކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބަލައި، އަދި މޫސުން ގޯސްވެދާނެކަމަށް ބަލައި ރޭގަނޑު ހަރަކާތްތައް ފަސްކޮށްފައިވާ ކަމަށް ބުންޏެވެ.
އަދި މި ހަރަކާތްތައް ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް އެ ވުޒާރާގެ ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.