މާދަމާ އިން ފެށިގެން ޕްލާސްޓިކް ޕެކެޓް ފިޔަވައި އެހެނިހެން ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ 'ސުޕާރީ' އަދި 'ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯން އަށް ވުރެ ތުނި ޕްލާސްޓިކު ކޮތަޅު' ރާއްޖެއަށް އެތެރެކުރުން މަނާކޮށްފި އެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކް މަދުކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ޕްލާސްޓިކު ޕެކެޓް ފިޔަވައި އެހެނިހެން ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ސުޕާރީ އަދި ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށް ވުރެ ތުނި ޕްލާސްޓިކު ކޮތަޅު މާދަމާ އިން ފެށިގެން ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން މަނާވާނެ ކަމަށެވެ.
އަދި އަންނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ދެ ބާވަތް ރާއްޖޭގެ ބާޒާރަށް ނެރުން ވެސް މަނާ ވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. މިއީ، ކުނި މެނޭޖްކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓްގައި ހިމެނޭ ކަމެކެވެ.
މި ލިސްޓްގައި ހިމެނޭ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް އެކި މަރުޙަލާތަކަކަށް ބަހާލައިގެން ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި އުފެއްދުމާއި އަދި ބާޒަރަށް ނެރުން މަނާކުރުމުގެ މަސައްކަތް މިދިޔަ ވެރިކަމުގައި ވަނީ ތަންފީޒުކުރަން ފަށާފަ އެވެ. އެގޮތުން މި ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރުގައި ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި އަދި ބާޒާރަށް ނެރުން މަނާ 14 ބާވަތެއްގެ ސިންގަލް-ޔޫސް ޕްލާސްޓިކް ވަނީ ހިމަނުއްވާފަ އެވެ.
މީގެ ތެރެއިން 11 ބާވަތެއް މިހާރުވެސް ވަނީ ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި އަދި ބާޒާރަށް ނެރުން މަނާކޮށްފަ އެވެ.