ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ ސަބަބުން މާލޭގެ 96 ގެއަކުން މީހުން ވަގުތީ ހިޔަލަށް ބަދަލު ކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
ވިއްސާރައިގައި މާލޭގެ ގެތަކަށް ވި ގެއްލުން ބައްލަވާލެއްވުމަށް އެމަނިކުފާނު ވަނީ ގެތަކަށް ޒިޔާރަތް ކުރައްވާފައެވެ. އަދި އެ ގެތަކުގެ ހާލަތު ބައްލަވައި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ އަރުވާފައެވެ.
ޒިޔާރަތައް ފަހު ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް، ޑރ. މުއިއްޒު ވަނީ ވިއްސާރައިގެ ސަބަބުން މާލޭގެ 96 ގެއަކުން ވަގުތީ ހިޔަލަށް މީހުން ބަދަލު ކުރަން ޖެހޭކަން ޑިޒާސްޓަރ މެނޭޖްމެންޓާއި ހަވާލާ ދެއްވާ ވިދާޅުވެފައެވެ. އަދި މިހާރު އެމަސައްކަތް ކުރެވެމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭގައި މިވަގުތު ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދާއިރު، މީހުން ބަދަލު ކުރަނީ މިރެއިން މިރެއަށް ދިރިނޫޅެވޭނެ ގެތަކުގައެވެ. އެގޮތުން ބައެއް ގެތަކުގައި ފެން ހިންދައި އާންމު ހާލަތަށް ގެނެވޭއިރު އަނެއްބައި ގެތަކުން މިރެއިން މިރެއަށް މީހުން ދިރިނޫޅެވޭނެ ކަަމަށް ސަރުކާރުން ބުނެއެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ސަރުކާރުން މާލޭގެ ހުރިހާ މަގެއް ހެދުމަށް ނިންމާފައިވާކަން ފާހަގަކޮށް، މިހާރު މިދިމާވަމުންދާ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
".. ނިންމާފައިވެސް އޮތްކަމަކީ މާލޭގެ މަގުތައް، ރަނގަޅު ފެންވަރަކަށް ހުރިހާ މަގެއް ހެދުން. ހުރިހާ މަގެއް ހަދާއިރު އަޑީގައި ވަރަށް ވަރުގަދަ ސްޓޯމް ވޯޓާ ނިޒާމެއް ޤާއިމް ކުރަން ވަރަށް ފަލަ ހޮޅިތަކެއް ލާފައި ވަރަށް ވަރުގަދަ ޕަންޕިން ނިޒާމެއް ލާފައި. އޭރުން އިރާދަ ކުރެއްވިއްޔާ މިފަދަ ސިޗުއޭޝަނެއްގައެވެސް މީހުންގެ މުދަލާއި ގެތަކާއި ކުރާ މަސައްކަތާއި އަދި ވިޔަފާރިތައްވެސް ސަލާމަތް ކުރެވޭނެ " ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މިމަސައްކަތް ކުރާނީ މާލޭގައި އެކަނި ނޫން ކަމަށާއި ރަށްރަށުގައިވެސް އެ ވިސްނުމަށް މަސައްކަތް ކުރިއަށް ގެންދޭވޭނެ ކަމަށެވެ. އަދި އެހާހިސާބުން ވަރަށް މަދު ހާލަތެއްގައި ނޫނީ މިވަރު ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.