އުމުރުން 50 އަހަރުން މަތީގެ ފަރާތްތަކަށް އަހަރަކު ދެ ފަހަރު އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް މިއަދުން ފެށިގެން ހެދޭނެ އިންތިޒާމު ހަމަޖައްސައި އެ ޚިދުމަތް ދޭން ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ތެރޭގައި ކޮންމެ ދިވަހި ރައްޔިތަކަށްވެސް އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމު ހަމަޖެއްސުން ވަނީ ހިމަނުއްވާފައެވެ. އަދި މިމަސައްކަތް ފެށުމަށް ރައީސްގެ ހަފްތާ-14 މަގުޗާޓުގައިވެސް ވަނީ ހިމަނުއްވާފައެވެ. މިކަމާއި ގުޅޭ ކަންކަން ތަންފީޒު ކުރުމަށް ނިމިދިޔަ ޑިސެމްބަރު މަހު ކެބިނެޓުން ވަނީ ފާސްކޮށްފައެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިއަދު ބުނީ، މިހާރު އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ ކަމަށެވެ. މިގޮތުން ފުރަތަމަ މެޑިކަލް ޗެކަޕް އަމިއްލައަށް ގޮސް ނަންނޯޓު ކޮށްގެން ސަރުކާރުގެ ހޮސްޕިޓަލްތަކުން ހެއްދޭއިރު، ދެވަނަ ޗެކަޕެއް ޑޮކްޓަރުގެ ލިއުމާއެކު އާސަންދައިގެ ދަށުން އެ އަހަރު ހެދޭނެ ކަމަށް އެންސްޕާއިން ބުނެއެވެ.
މި ޙިދުމަތް ފަށަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދުން ފެށިގެން 50 އަހަރުން މަތީގެ ފަރާތްތަކަށް ޚިދުމަތް ފެށޭއިރު ބާކީ އުމުރު ފުރާތަކަށް މިއަހަރު އެ ޚިދުމަތް ފެށޭނެ ތާވާލް ވަނީ އާންމުކޮށްފައެވެ.
- އޭޕްރީލް 1 އިން ފެށިގެން 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ
- އޭޕްރީލް 1 އިން ފެށިގެން 19 އަހަރުން ދަށުގެ ކުދިންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ
- ޖުލައި 1 އިން ފެށިގެން 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ
މެޑިކަލް ޗެކަޕް ފުރިހަމަ ކުރިކަމަށް އާސަންދައިން ބަލަނީ، ޕެކޭޖުގައި ހިމެނޭ ހުރިހާ ޚިދުމަތެއް ލިބިގަތުމުންނެވެ. މެޑިކަލް ޗެކަޕްގެ ނަތީޖާ އެންސްޕާއިން ކަނޑައަޅާ ގޮތެއްގެ މަތިން، ޚިދުމަތްދޭ މަރުކަޒުތަކުން އެ ކުންފުންޏާ ހިއްސާ ކުރާނެއެވެ. އެގޮތުން ޕެކޭޖުގައި ހިމެނޭ ހުރިހާ ޓެސްޓުތަކަށް ވީހާވެސް އަވަހަކަށް ފުރިހަމަ ކުރުމަށް އެންސްޕާއިން އަދި އާސަންދައިންވެސް އިލްތިމާސް ކުރެއެވެ.
އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖައްސާފައި ވަނީ ދުރާލާ ބޮޑެތި ބަލިތައް ހުންނަ ފަރާތްތަކަށް އެފަދަ ބަލިތައް ދެނެގަތުމަށާއި، ރައްޔިތުންގެ ސިއްޙީ ދުޅަހެޔޮކަން އިތުރު ކުރުމަށް ކަމަށް ސަރުކާރުން ބުނެއެވެ. މީގެ ކުރިން ފުރިހަމަ މެޑިކަލް ޗެކަޕެއް އާސަންދައިގެ ދަށުން ނެހެދެއެވެ. އެހެން ކަމުން މަދު ބަޔަކު ނޫނީ ފުރިހަމަ މެޑިކަލް ޗެކަޕެއެް ޤަވާއިދުން ނަހައްދައެވެ.