މި ދުވަސްވަރަކީ ތަރައްޤީގެ ވަރަށް ހާއްސަ މޫސުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މީލާދީ އާ އަހަރުގެ މުނާސަބަތުގައި ރައީސް މުއިއްޒު ފޮނުއްވި ޚިތާބުގައި ވިދާޅުވީ ފާއިތުވި އަހަރަކީ ދިވެހީން ވަރަށް މުހިންމު ނިންމުންތަކެއް ނިންމި އަހަރެއް ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް އޮވެގެންނުވާނެކަން ދިވެހީން ނިންމި ކަމަށާއި އަދި ދުނިޔޭގެ އެހެން ޤައުމުތައް ހާސިލުކުރާ ފަދަ ކުރިއެރުމާއި ތަހުޒީބާއި ތަރައްޤީ ބޭނުންކަން ނިންމި ކަމަށެވެ.
"އެ ކަމަށްޓަކައި ފިކުރީ ގޮތުން ޖީލުތައް އިސްލާމީ، ދިވެހި ޤައުމީ ސިފަތަކާއެކު ބިނާކުރަން ވެއްޖެކަމަށް ދިވެހީން އެއްބަސްވިއެވެ. ހަމަ އެހެންމެ، ޢުމްރާނީ ގޮތުން އެންމެ ޒަމާނީ ގެދޮރުވެރިކަމާއި ރަށްވެހިކަމަށް ތައްޔާރުވިއެވެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ތަރައްޤީ ފެށިގެން އަންނަންވާނީ ތިރިން މައްޗަށް ކަމަށާއި، ތަރައްޤީގެ ވިސްނުންތައް އުފަންވާންވާނީ ރައްޔިތުންގެ ސިކުނޑިތަކުގައި ކަމަށެވެ. އަދި ޤައުމެއް ތަރައްޤީވުމުގައި ރައްޔިތުންނާއި ވެރިންގެ ބަދަހި ގުޅުން ހިމެނިގެންވާ ކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ މި ދުވަސްވަރަކީ ތަރައްޤީގެ ވަރަށް ހާއްސަ މޫސުމެއް ކަމަށެވެ.
"ނިމިދިޔަ އަހަރުގެ ފަހު ހަފުތާތަކާއި، މި ފެށުނު އަހަރުގެ ފުރަތަމަ ހަފުތާތަކަކީ، ތަރައްޤީގެ ވަރަށް ޚާއްޞަ މޫސުމެކެވެ. މިއީ އަޅުގަނޑުމެންގެ ސަރުކާރުގެ ހަފުތާ ސާދައިގެ ތެރޭގައި ގިނަގުނަ ވަޢުދުތަކެއް އަކުރުން އަކުރަށް ސީދާ ސުންގަޑިއަށް ފުއްދަމުންދާ ދުވަސްތަކެކެވެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަރައްޤީއަށްޓަކައި ވިސްނުންތެރިކަމާއި ހަމަޖެހުން ބޭނުންވާ ކަމަށާއި ތެދުވެރިކަމާއި އިޚްލާސްތެރިކަން ބޭނުންވާ ކަމަށެވެ.