ދިވެހި އިޤްތިޞާދު ސިންދަފާތުކޮށް ކުރިއެރުވުމަށް މުޅިން އައު ސަރުކާރު 100 އިންސައްތަ ހިއްސާވާ ކުންފުންޏެއް އުފެއްދުމަށް ރައީސް، ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް އަލަށް އުފައްދަވަން ނިންމަވާފައިވާ ކުންފުންޏަށް ކިޔަނީ، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން ކުންފުންޏެވެ. މި ކުންފުނި ހާއްސަ ކުރެވޭ 3 ކަމެއް އިކޮނޮމިކް މިނިސްޓަރ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހާމަކޮށްފައެވެ. އެއީ؛
- އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުން
- ވެލިއު އެޑް ކުރުން
- ޓްރާންސްޝިޕްމެންޓް ނުވަތަ ރީއެކްސްޕޯޓް ވިޔަފާރި
މީގެ އިތުރު ތަފްސީލެއް އަދި ސަރުކާރުން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް މި ސަރުކާރުގެ ހަފްތާ-14 މަގު ޗާޓުގައި ލ. އަތޮޅު ގާދޫގައި ޓްރާންސްޝިޕްމެންޓް ބަނދަރެއް އެޅުމުގެ މަސައްކަތް ފަށަން ވަނީ ހިމަނާފައެވެ. މިއީ ބަންކަރިން ޚިދުމަތް ދެވޭ ގޮތަށް ތަރައްޤީ ކުރާ ބަނދަރެކެވެ. މީގެ އިތުރުން ގްރޭޓަރ މާލެ އޭރިއާގައި ޓްރާންސްޝިޕްމެންޓް ބަނދަރުގެ މަސައްކަތް ފެށުމަށްވެސް ހަފްތާ-14 މަގުޗާޓުގައި ހިމަނާފައިވެއެވެ.
ސަރުކާރުގެ އިތުރު ކުންފުންޏެއް ހެދުމަށް ނިންމާފައިވާއިރު، ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް ފައިސާ ވަންނާނެ އިތުރު ގޮތްތައް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއީޒް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.