ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރުމަށް ނިންމަވާއިވާ ކަން ހާމަކުރައްވައިފިއެވެ.
އޭނާ މަޖިލީހަށް ވާދަ ކުރައްވަން ނިންމަވާފައިވާކަން ހާމަކުރައްވައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ވާދަ ކުރައްވަނީ ޖުމުހޫރީ ޕާޓީގެ ފަރާތުން ހުޅުމާލޭ ދެކުނު ދާއިރާއަށް ކަމަށެވެ. ނަހުލާ ޖޭޕީ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރައްވަން ނިންމަވާފައިވާއިރު އޭނާ ސިޔާސީ ދާއިރާއިން ފާހަގަ ކުރެވެން ފެށީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ތެރޭގައެވެ.
އައްސަލާމް ޢަލައިކުމް
2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނުދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން މާތް ﷲގެ ވާގިފުޅާއިއެކު އަޅުގަނޑު ޢައިޝަތު ނަހުލާ(ޢައިޝާ)ކުރިމަތިލުމަށް ނިންމައިފީމެވެ.1/2
— Aishath Nahula (@aishath_nahula) January 1, 2024
ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަންބަލުން ނަހުލާ އެ އިންތިހާބުގެ ކެމްޕެއިން ތެރެއިން ސިޔާސީ ދައިރާއަށް ނިކުމެ ވަޑައިގެން އެންމެ ދެން ފެނިގެން ދިޔައީ ކުރީ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު ކަމުގެ މަޤާމުންނެވެ. އަދި މުޅި 5 އަހަރުގެ ދައުރު އެ މަޤާމުގައި ދެމި ހުންނެވިއިރު، އޭނާ ވަނީ މިދިޔަ ފެބްރުއަރީ މަހު ޖޭޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަޤާމަށްވެސް ހޮވިވަޑައިގެންފައެވެ.
ޖުމުހޫރީ ޕާޓީން މިހާތަނަށް މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވުމާއި ގުޅޭގޮތުން ނިންމާފައިވާ ވަކި ގޮތެއް ހާމަކޮށްފައި ނުވެއެވެ. ނަމަވެސް އެ ޕާޓީން މަޖިލިސް އިންތިހާބަށް ނިކުތުމާއި ގުޅޭގޮތުން އެހެން ޕާޓީތަކާއި ވަނީ މަޝްވަރާ ކޮށްފައެވެ.