މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭ ސެންޓަރުތައް ހިންގުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން ހޯމް ލޭންޑް މިނިސްޓްރީން ހުށަހެޅި ކަރުދާހުގައިވާ ގޮތަށް އަމިއްލަ ފަރާތްތަކަށް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު ދޭން ކެބިނެޓުން ނިންމަވާފައިވާ ކަމަށެވެ.
"މި މައްސަލައިގައި މަޝްވަރާ ކުރެވި މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭ ގޮތަށް ހިންގަން ފަށަން." އޭނަ ވިދާޅުވި އެވެ.
އެގޮތުން ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ އަތޮޅުގެ ކޮންމެވެސް އެއް ރަށެއްގައި ހިންގަން ވަނީ ނިންމައިފަ އެވެ. އަދި އެކަން އެ ރަށްރަށުގެ ކައުންސިލްތަކާ މަޝްވަރާކޮށްގެން ކުރިއަށް ގެންދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުތައް ހިންގަނީ ސަރުކާރުން އެކަމަށް ހާއްސަކޮށްގެން އުފައްދާފައިވާ ސެންޓަރު މިހާތަނަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިންނެވެ. އެގޮތުން އެކި ރާއްޖޭގެ އެކި ހިސާބުތަކުގައި ރިހިބިލޭޝަން ސެންޓަރުތަކެއް އަންނަނީ ހިންގަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖޭގައި އެންމެ ބޮޑު އިޖުތިމާއީ ވަބާ އެވެ.
ދާދި ފަހުން އެންޑީއޭ އިން ބުނި ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭ ރިހިބިލޭޝަން ފަރުވާގެ ކިއުގައި މިހާރު ވެސް 700 އެއްހާ މީހުން އެބަތިއްބެވެ.