ސަރުކާރުން އަލަށް ހަދާ ކުންފުނީގައި ސަރުކާރުގެ 5 ކުންފުންޏެއްގެ ބައިވެރިވުން އޮންނާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
އާދިއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމުންތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މިކުންފުންޏަކީ ރާއްޖެއަށް ބޭނުންވާވަރަށް ވުރެވެސް ގިނައިން މުދާ އެތެރެކޮށް އަވަށްޓެރި ޤައުމުތަކަށް ރީ އެކްސްޕޯޓް ކުރެވޭނެ ގޮތަށް އިޤުތިސާދު ފުޅާ ކުރުމަށް ތަރައްޤީ ކުރާ ކުންފުންޏެއް ކަމަށެވެ. އަދި ކުންފުނި އުފެއްދުމުގައި ސަރުކާރުގެ ބޮޑު 5 ކުންފުންޏެއްގެ ހިއްސާ އޮންނާނެ ކަމަށް ވިދާޅުވިއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯންގެ ނަމުގައި އުފައްދާ ކުންފުނީގައި ހިއްސާވާ އެސްއޯއީތަކަކީ؛
- އެސްޓީއޯ
- އެޗްޑީސީ
- މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
- އެމްޓީސީސީ
- އެމްއޭސީއެލް
މިކުންފުނި އެކުވެގެން ޤާއިމް ކުރެވޭ ކުންފުނިން ފްރީ ޓްރޭޑް ޒޯން ޤާއިމް ކުރުމަށް އެދި ބޯޑް އޮފް އިންވެސްޓްމެންޓަށް ހުށަހަޅާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މި ޒޯންތައް ކަނޑައަޅާނީ އެއާޕޯޓް އަދި ޕޯޓް ހިމެނޭ ސަރަހައްދެއްގައި ކަަމަށް ކެބިނެޓް ނިންމުމުގައި ވެއެވެ.
" މިކުންފުނީގެ ވިޔަފާރި ހަމަޖެއްސުމަށްޓަކައި ބޭނުންވާ ބިން ހަމަޖެއްސުމަށް ތިލަފުއްޓާއި ގިރާވަރުފަޅު ބެއްލެވުމަށްފަހު އެންމެ އެކަށީވެގެންވާ ތަނަކުން މަދުވެގެން 100 ހެކްޓަރުގެ ބިން ކަނޑައެޅުމަށްވެސް ވަނީ ނިންމާފައި. " ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހި ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމަށް ބިން ކަނޑައަޅައި އެ އިންވެސްޓްމެންޓުގެ މޭޖަރ ޝެއަރ ހޯލްޑަރެއްގެ ގޮތުގައި އުފައްދާ ކުންފުނި ހަމަޖެއްސުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ކުންފުނި އުފެއްދުމަށް ފަހު އިތުރު އިންވެސްޓްމެންޓުތަކަށް ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް ނުވަތަ އެނޫން މޮޑެލްއަކުންވެސް ޕާޓްނަރުން ހޯދުމަށްވެސް ވަނީ ހިމަނާފައެވެ.
ރާއްޖެއަށް މުދާ އެތެރެކޮށް ރީ އެކްސްޕޯޓް ކުރުމަށް ކުންފުންޏެއް ފަށާއިރު، އަދި މިވަގުތު އެތެރެކުރާނެ މުދަލެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ފުޅާކުރުމަށް ސަރުކާރުން އުފެއްދުމަށް ނިންމާފައިވާ ކުންފުންޏެކެވެ.