Last Updated: November 23, 13:49
Saturday, November 23, 2024
ޚަބަރު

އައްޑޫ ފެން ހިންދާ ނިޒާމަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ ނެތް!

އައްޑޫ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: އައްޑޫލައިވް

އައްޑޫ މަގު ހެދުމުގެ މަޝްރޫޢު ދަށުން ތަރައްޤީ ކުރަމުންދާ ސްޓޯމް ވޯޓަރ ޑްރައިނޭޖް ނުވަތަ ފެން ހިންދާ ނިޒާމަށް ބޭނުން ކަރަންޓު ކެޕޭސިޓީއެއް މިވަގުތު އައްޑޫގައި ނެތް ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިއަދު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިިނިސްޓަރ މުއްތަލިބު ވިދާޅުވީ، އައްޑޫގައި މިހާރު ޤާއިމް ކުރެވިގެން ދާނީ ވަރަށް ރަނގަޅު ފެން ހިންދާ ނިޒާމެއް ކަމަށެވެ. އަދި އޭގެ ފައިދާ މިހާރުވެސް ފެންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް އެ ނިޒާމު ޤާއިމްވެގެންދާއިރު ބައެއް ކަންބޮޑުވުންތައް ހުރިކަމަށް ވިދާޅުވިއެވެ.

މިގޮތުން ފެން ހިންދާ ނިޒާމަށް ބޭނުންވާ ޕަމްޕް ސްޓޭޝަންތަކަށް ބަލާއިރު، ހިންގަން 6.5 މެގަވޯޓުގެ ކަރަންޓު ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

" އެއަށް ބޭނުންވާ 6.5 މެގަވޯޓު ކަރަންޓުވެސް ލިބޭނެ ގޮތެއް ހަދަން ޖެހޭ. އޭތި ޑިޒައިން ކުރިއިރު އެވަރުގެ ކަރަންޓެއް ހަޤީޤަތުގައި އައްޑޫގައި ލިބޭކައް ނެތް. އެވަރުގެ ކަރަންޓެއް ޤާއިމް ކުރަންވެސް ވަރަށް ބައިވަރު ލާރި ޚަރަދު ވާނެ. ޤާއިމްކޮށްފައި ހަމައެކަނި އެކަހަލަ ވަގުތެއްގައި ބޭނުންކުރަން ބެހެއްޓުންވެސް ވަރަށް އުނދަގޫ ކަމަކަށްވާނީ " މިނިސްޓަރ މުއްތަލިބު ވިދާޅުވިއެވެ.

އެކަމަށް ހައްލުތަކެއް ލިބޭތޯ ބަލަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ޕަމްޕް ސްޓޭޝަންތަކުގެ ޑިޒައިނަށް ބަދަލު ގެެނެސް އެއަށް ވުރެ ކުދި ޕަންޕުތަކެއް ލައިގެން ވަގުތައް ހައްލު ކުރެވޭނެތޯ ބަލަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މުއްތަލިބު މިހެން ވިދާޅުވެފައިވާއިރު، އައްޑޫގައި މިވަގުތު ފެނަކަ ކުންފުނިން ގުޅިފައިވާ ރައްތަކަށް ޚިދުމަތް ދެނީ ގާތްގަނޑަކަށް 11 މެގަވޯޓުގެ ކެޕޭސިޓީއެއްގައެވެ. ނަމަވެސް ކުރީ ސަރުކާރުން 2022 ވަނަ އަހަރު ޖޫން މަހު ވަނީ އައްޑޫގައި އައު އިންޖީނުގެއެއް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި މިހާރު އިންޖީނުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ.

އައްޑޫގެ ގުޅިފައިވާ ރައްތަކުގައި ތަރައްޤީ ކުރާ ކަރަންޓު އިންޖީނުގެ އަކީ 48 މެގަވޯޓުގެ އިންޖީނުގެއެއް ކަމަށް ފެނަކަ ކުންފުނިން ވަނީ ބުނެފައެވެ. މި މަސައްކަތް ނިމޭއިރު އައްޑޫގެ ކަރަންޓު ވިއުގާ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވި އައްޑޫއަށް ކުރިމަގުގައިވެސް ބޭނުންވާނެ ކަރަންޓު އުފެއްދޭ ނިޒާމެއް ޤާއިމް ކުރެވޭނެ ކަމަށް މިދިޔަ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.